ކޮވިޑް-19 ގެ ސަބަބުން އިއުލާނު ކޮށްފައިވާ ފުރަބަންދަށް ލުޔެއް ލިބިފައިވާ މި ހާލަތުގައިވެސް އެމްޕީއެލްގެ ގިނަ ހިދުމަތް އޮންލައިންކޮށް ކުރެވޭނެ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، މީގެ ކުރިން ގޭޓް ފާހަކަށް ބޭނުން ކުރި ލިޔެކިއުންތަކުގެ ބަދަލުގައި އީގޭޓް ކާޑް ބޭނުން ކުރެވޭނެ ކަމަށާއި ބޯޓް ތަކުން އަންނަ މުދާ އޭޖެންޓުން މެދުވެރިކޮށް ބީއެލް (ބިލް އޮފް ލޭޑިންގް) ފިޒިކަލީ ހަވާލު ކުރާކަށް ނުޖެހޭނެ ކަމަށެވެ.

ބީއެލް ފިޒިކަލީ ހަވާލު ކުރުމުގެ ބަދަލުގައި އިލެކްޓްރޯނިކް ކޮށް ހުރިހާ އެއްޗެއް ހަވާލު ކުރެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން ފައިސާގެ ހުރިހާ މުއާމަލާތެއް އޮންލައިން ކުރެވިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުދާ ނެރޭ ފަރާތްތަކުން ހަވާލު ކުރަން ޖެހޭ ޑީއޯ އަދި އެހެނިހެން ޑޮކިއުމެންޓްތައްވެސް މިހާރު އޮންލައިންކޮށް ސަބްމިޓް ކުރެވޭނެ. އޭގެ އިތުރުން ހުރިހާ ޕޭމަންތްތަކެއް މިހާރު ހުންނަނީ އޮންލައި ކުރެވިފައި" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ހަމަ އެކަނި މުދާ ބަލާ އަންނަ ގްރޫޕުތައް ފިޔަވައި އެހެން އިދާރީ ކަންތަކުގައި ޑޮކިއުމެޓް ހަވާލު ކުރުމަށް ވަޑައިގަންނަވާކަށް ނުޖެހޭނެ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން އިއުލާނު ކޮށްފައިވާ ފުރަބަންދަށް ލުޔެއް ލިބުމުން އެ ކުންފުނިން އާންމުންނަށް މުދާ ކްލިއާ ކުރުމުގެ ހިދުމަތް ދޭން ހަމަ ޖެހިފައި އޮތީ ހެނދުނު 8:00 އިން ރޭގަނޑު 21:00 އަށެވެ.