މޯލްޑިވްސް ކަސްޓަމަސް ސާވިސް އިން ކޮވިޑް-19 އަށް ފައްސިވިެ ދެ މުވައްޒަފުވެސް ބަލިން ރަނގަޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމަސް އަބްދުﷲ ޝަރީފް ވިދާޅުވީ، އެތަނުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވި ކަމަށާއި، އެ ދެ މީހުންވެސް މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

"ކަސްޓަމްސްގެ ދެ މުވައްޒަފަކު ފައްސިވި، ﷲގެ އިރާދަފުޅާއެކު އެ ދެ މުވައްޒަފުވެސް ރަނގަޅުވެގެން މިހާރު ތިބީ ގޭގައި، އެ އަންހެން މުވައްޒަފަކާއި ފިރިހެން މުވައްޒަފެއް". ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އެކި މަރުހަލާތަކުގައި 50 ވަރަކަށް މުވައްޒަފުން، އައިސޮލޭޝަން/ކަރަންޓީންގައި ބައިތިއްބަން ޖެހުނު ކަމަށެވެ. އަދިމިހާރުވެސް އެގޮތަށް 30 ވަރަކަށް މުވައްޒަފުން ތިބޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަދި ފުރަތަމަ މި ފެށިގެން އައި މަރުހަލާގައި އެއިރު އެއާޕޯޓުގައި ދިވެހިން މި ގެނައި ދުވަސް ވަރުގައި ކޮންޓެކްޓް ވެގެން، އަޅުގަނޑުމެންގެ އެއާޕޯޓުގެ އެއް ޝިފްޓް، އެ ދުވަހު ނުކުމެ ތިބި 17 ވަރަކަށް އޮފިސަރުން ގޭގައި މަޑުކުރަން ޖެހުނު".ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ޕްރައިމަރީ ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު މީހުންގެ ސުންކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެގިއިރު، އެ ސުންކުތަކުގެ ނަތީޖާތައް ނައްސިވެފައިވާ ކަމަށެވެ. އަދި ކޮވިޑް-19 އަށް ޝައްކުވާ މުވައްޒަފަކު ހުރިމުގައިވިޔަސް، އެ މައުލޫމާތު ލިބުމުން އެ މުވައްޒަފު ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ ގޮތް ހަދަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.