ކޮވިޑް-19 ގެ ސަބަބުން ބޭރުގައި އުޅުމުގެ ހުއްދަ ތިބި ފަރާތްތަކަށް އެމްޕީއެލްގެ ބަސް ހިދުމަތް ލިބޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ދަރުބާރުގޭގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ނިޔަލަށް ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދިނުން އާންމުކޮށް ހުޅުވާލައިގެން ދެވޭ ގޮތަކަށް އަދި ނެތް ކަމަށެވެ. އަދި އެހުއްދައެއް އެބޭފުޅުންނަށް ދީފަކާއެއްވެސް ނެތް ކަމަށެވެ.

އެހެން ނަމަވެސް ކޮންމެހެން ބޭނުން ވާ ދަތުރުތައް މާލެ އާއި ހުޅުމާލެ ސަރަހައްދުގައި ކުރަމުން އަންނަ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ދަތުރު ކުރުމުގެ ފާސް އޮންނަ ނުވަތަ ބޭރުތެރޭގައި އުޅުމުގެ ފާސް އޮންނަ ފަރާތްތަކަށް ބަސް ދަތުރުގެ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އޭގެ ތެރޭގައި އެބަ ހިމެނޭ ހަމަ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން، ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ ބޭފުޅުން. އެބޭފުޅުން މަސައްކަތް ނިންމަވާފައި ގެއަށް ވަޑައިގަންނަވަން ނުވަތަ ގެއިން މަސައްކަތަށް ވަޑައިގަންނަވަން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ޝެޑިއުލްއަކަށް ބަހާލައިގެން ހާއްސަ 8 ދަތުރެއް މާލޭގައި ކުރަމުން އަންނަ ކަމަށާއި އައްޑޫ އަދި ފުވައްމުލަކުގައިވެސް ހުއްދަ އޮންނަ ފަރާތްތަކަށް ވަކި ހާއްސަ ދަތުރުތަކެއް ކުރާ ކަމަށެވެ. އަދި ފުވައްމުލަށް، އައްޑޫ، ހުޅުމީދޫ އާއި ދޭތެރޭވެސް ފެރީ މެދުވެރިކޮށް ބައެއް ކާބޯތަކެތި ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.