ކޮވިޑް-19 ގެ ފުރަބަންދަށް ލުޔެއް ލިބުމާއި އެކު މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހިދުމަތްދޭ ގަޑިތައް އިތުރު ކޮށްފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ، އާ އާއްމު ހާލަތާއި (ނިއު ނޯމަލްއާއި) އެކު ކަސްޓަމްސްގެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ 29 އިން އަންނަ މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ގިނަ ހިދުމަތްތައް އޮންލައިން ކޮށް ދޭން ނިންމާފައިވާ ކަން އޭނާ ފާހަގަ ކުރިއެވެ. އޭގެ ތެރޭގައި ޑޮކިޔުމެންޓޭޝަން ނިންމުމުގެ މަސައްކަތް ހިމެނޭ ކަމަށާއި 18 ސެކްޝަނެއްގެ މަސައްކަތް ކުރުމަށް ވީ އެންމެ މަދު އަދަދެއްގެ މުވައްޒަފުން އޮފީހަށް ނިކުމެ ހިދުމަތް ދޭނެ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، ރަމަޟާން މަހަށްފަހު ސީ ކާގޯ އެގްޒަމިނޭޝަން އާއި އެއާ ކާގޯގެ މަސައްކަތް ކުރާނީ ހެނދުނު 8:00 އިން ރޭގަނޑު 21:00 އަށް ކަމަށެވެ. އަދި ހާބާ މެނޭޖުމެންޓް ސެކްޝަނުގެ މަސައްކަތްވެސް ކްލިޔަރެންސް ދޭން ޖެހިއްޖެ ހާލަތެއްގައި މަސައްކަތް ކުރާނެ ކަމަށާއި އެހެން ސެކްޝަންތަކުންވެސް ނީޑް ބޭސިސްގައި މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޕީއެލްގެ ހިދުމަތް ދިނުމާއި ގުޅޭގޮތުން އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އަންނަ މަހު އެކަކުން ފެށިގެން އެމްޕީއެލްގެ މުވައްޒަފުންގެ މަސައްކަތް ކުރާނީ ހެނދުނު 7:30 އިން ރޭގަނޑު 23:00 އަށް، ދެ ޝިފްޓަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން ހެނދުނު 8:00 އިން ރޭގަނޑު 21:00 އަށް އާންމުންނަށް މުދާ ކްލިއާ ކުރުމުގެ ހިދުމަތް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ވަގުތު ތަކުގައި މާލެ ކޮމަޝަލް ހާބަރު އަދި ހުޅުމާލޭ ޓާމިނަލްގެ ހިދުމަތްވެސް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ލޮކްޑައުން އާއެކު ދިން ލުއިގެ ސަބަބުން ގިނަ އަދަދެއްގެ ކޮންޓެއިނާ ކްލިޔާ ނުކޮށް އެބަހުރި ކަމަށާއި ނަމަވެސް މިހާރު ލޮކްޑައުން އަށް ދީފައިވާ ލުޔާއެކު ޖޫން 11 އިން ފެށިގެން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލޭ ބަނދަރުގައި ކްލިއާ ނުކޮށް ހުރި މުދަލުން ޑެމަރޭޖު ފީ ނަގަން ފަށާނެ ކަމަށެވެ.