ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވާން މިއަދަކީ އެންމެ ރަނގަޅު ދުވަސް ކަމަށާއި އެކަމުގައި ފަރުދީ ޒިންމާ އަދާކުރުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެދިވަޑައިގެންފިއެވެ.

ދުންފަތުގެ އިސްތިއުމާލް ކުރުމުން ދުރުހެލިވާން ފަރުދީ ޒިންމާ އަދާކުރުމަށް މިނިސްޓަރު އެދިވަޑައިގެންނެވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިޠާބެއްގައެވެ.

"މިފަދަ ދުވަހަކީ ދުންފަތުގެ އިސްތިޢުމާލު ކުރުންފަދަ ސިއްހަތަށް ގެއްލުންވާ ބޮޑުކަމަކުން ސަލާމަތްވުމަށް އަޒުމު ކަނޑައަޅާ އެކަމަށް މަސައްކަތް ފަށައިގަންނަންވީ އެންމެ ރަނގަޅު ދުވަސް. ވަކިން ޚާއްސަގޮތެއްގައި ޒުވާނުންނާއި ކުޑަކުދިން ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދުރުހެލިކުރުމަށް ފަރުދީގޮތުން ކޮންމެ މީހަކު ޒިންމާއަދާކުރުމަށް އަޅުގަނޑު ގޮވާލަން" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން އިންސާނާގެ ސިއްހަތަށް ލިބޭ ގެއްލުމާއި، އިޤްތިޞާދީގޮތުން ލިބޭ ގެއްލުމާއި، އިޖްތިމާޢީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަކީ ދެބަސްވުމަށް ފުރުޞަތު އޮތްކަމެއްނޫނެވެ.

މިއަހަރުގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަސް ފާހަގަކުރާއިރު މުޅި ދުނިޔެވެސް ދަނީ ކޯވިޑް-19ގެ ނުރައްކާތެރި ޞިއްހީ މުސީބާތެއް ތަޙައްމަލުކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހެލްތް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 42 އިންސައްތަ ފިރިހެނުންނާއި، 3 އިންސައްތަ އަންހެނުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނެވެ.

އަހަރެއްގެ މައްޗަށް އެވަރެޖްކޮށް 461 މިލިއަން ސިނގިރޭޓު ރާއްޖެއަށް އިމްޕޯޓުކުރާއިރު، މިތަކެތީގެ އަގު ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. އަހަރެއްގެ މައްޗަށް ރާއްޖޭގައި މަރުވާ މީހުންގެ 24 އިންސައްތަ މީހުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންކަން އެ މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.