ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލުން އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މައްސަލަތަކެއްގެ ޝަރީއަތުގެ އަޑުއެހުންތަކެއް މާދަމާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މާދަމާގެ ޝަރީއަތްތައް ރޭވިފައިވާ ގޮތަށް ބަލާއިރު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން އުފުފާލައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 ގައެވެ. މި މައްސަލައިގައި ޝަރީއަތުގެ އެންމެ ފަހުން މިމަހުގެ 3 ވީ ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނަގާފައިވެއެވެ.

އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިވެރިޔަކު ހެކިބަސް ދެމުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގައި ޤާއިމުކޮށްފައިވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ޚިދުމަތް ކަނޑާލީ އުއްތަމަ ފަނޑިޔާރުގެ އިރުޝާދަށް ކަމަށެވެ. ނަމަވެސް ހެކިބަސް ދިން ބާކީ 3 މީހުންގެ ހެކިބަހުން އުއްތަމަ ފަނޑިޔާރު އަންގައިގެން އެފަދަ ކަމެއް ކުރިކަން ސާފެއް ނުވެއެވެ. މި މައްސަލައިގައި މާދަމާ އޮންނާނީ އުއްތަމަ ފަނޑިޔާރުގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ.

މާދަމާ ހެނދުނު 10:00 އަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) އަމަލެއް ކުރަން އުޅުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއްވެސް ތާވަލު ކޮށްފައިވެއެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލުން އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) އަމަލެއް ކުރަން އުޅުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރުފަހު 01:00 އަށެވެ.

ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫނާއި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) އަމަލެއް ކުރަން އުޅުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ 2018 އެޕްރީލް 30 ވީ ހޯމަ ދުވަހުއެވެ. އެ ދުވަހު ބޭއްވި މި ދެ މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި މި ދެ ބޭފުޅުންނަށްވެސް ވަކީލަކު ހަމަޖެއްސުމަށް ޝަރީއަތުން ދެއްވާފައިވަނީ ދެ ދުވަހެވެ. އެހެންކަމުން ވަކި ވަކިން ކުރިއަށްދާ މެ މައްސަލައިގެ ޝަރީއަތުގައި މާދަމާގެ އޮންނާނެ ކަމަށް ބެލެވެނީ ދައުވާއަށް ޖަވާބުދާރީވުމާއި ހެކި ހާހަމަކުރުމެވެ.

2018 ފެބުރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތްތަށް ބާރު ދުވެލީގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، މިއަދުވެސް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށް އުދުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި ކުރިއަށްދާނެއެވެ.

މީގެ އިތުރުންވެސް މުހިންމު މައްސަލަތަކެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް މާދަމާއަށް ތާވަލުކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.