ކޮވިޑް-19 އަށް އިއްޔެ މާލެ އިން ފައްސިވި މީހުންގެ ތެރޭގައި އެއް އަހަރުގެ ކުއްޖަކު ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކުރި މައުލޫމާތުތަކުން ދައްކައިފިއެވެ.

އިއްޔެ 101 މީހަކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވިއެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނެވެ. ދިވެހިންގެ ތެރެއިން އެންމެ މީހަކު ފިޔަވައި ދެން ފައްސިވި އެންމެންނަކީ ވެސް ކުރިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ގުޅުން ހުރި މީހުންނެވެ.

އެޗްޕީއޭ އިން އާއްމު ކޮށްފައިވާ މައުލޫމާތައް ބަލާއިރު އިއްޔެ ފައްސިވެފައި ވަނީ އެއް އަހަރުގެ ފިރިހެން ކުއްޖެކެވެ. އެކުއްޖާގެ އިތުރުން 12 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ވެސް އިއްޔެ ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. މީގެ އިތުރުން 66 އަހަރުގެ ދިވެހި އަންހެނަކު ވެސް އިއްޔެ ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

އެޗްޕީއޭ އިން މިހާތަނަށް އާއްމު ކޮށްފައިވާ މައުލޫމާތައް ބަލާއިރު ރާއްޖެ އިން ވަނީ އުމުރުން 10 އަހަރުން ދަށުގެ 51 ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 29 ފިރިހެން ކުދިންނާއި 23 އަންހެން ކުދިންނެވެ.

ރާއްޖެ އިން މިހާތަނަށް 1773 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން ފަސް މީހަކު ނިޔާވެ، 453 މީހަކު މިހާރު ކޮވިޑް-19 އިން ރަނގަޅުވެފައި ވެއެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބީ 1313 މީހުންނެވެ.

އިއްޔެ އަކީ ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި އެއް ދުވަހެވެ. ނަމަވެސް އިއްޔެ ފައްސިވި މީހުންގެ ތެރެއިން 79 މީހުންނަކީ އެއްތަނެއްގައި ދިރިއުޅެމުން އައި ބިދޭސީން ތަކަކަށް ވާތީ، މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޭފުގޭ342

    ކުޑަކުއްޖެއް ވިޔަސް އަފްޒަލް އަންގަނީ ކްލަސްޓަރ އާއި ގުޅުން ހުރި މީހެކޯ. އެހެން ވީމަ ވަރަށް ވަރިހަމަ ކޮށްލައިގެން އެތިބެނީ ލޮކްޑައުން ނިންމާ އަންނަ 2 ހަފްތާ ތެރޭގައި ސްކޫލު ހުޅުވަން ކަމަށް ހިތުލައިގެން. ބޭރަށްދާ ބަޔަކު ބޭރަށް ދޭ. އަހަރުމެންގެ ދަރީން ނުރައްކަލަކަށް ހުށަނާޅާނަން.