ކޮވިޑް-19 އާ ގުޅިގެން ކ. މާފުށި ޖަލާއި ކ. ހިންމަފުށި އައްސޭރި ޖަލު އެލާޓްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ ގުޅޭ އުސޫލެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އާންމުކޮށްފިއެވެ.

ކަރެކްޝަނަލް ސާވިސް އިން އާންމު ކުރި އުސޫލުގައިވާ ގޮތުން ޖަލުތަކަށް ދެވޭ ލުއިތައް ދެވޭނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ ފެށިގެން ދާނީ މާލެ ފުރަބަންދު ކޮށްފައި އޮތް އޮތުމަށް ނިމުމަކަށް އައުމުން ނުވަތަ އެކަމަށް ލުއިތަކެއް ދިނުމަށް ނިންމާ ހިސާބުންނެވެ.

މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއިތަކެއް އައުމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ޖަލު ސަރަހައްދުން ބޭރުގައި ދިރިއުޅޭ މުވައްޒަފުންނާއި އޮފިސަރުން ޑިއުޓީ ނިންމުމަށް ފަހު، ގެއަށް ދިއުމުގެ ހުއްދަ ދީފައެވެ.

އެކަމަކު، މާލެ ޖަލާއި ހުޅުމާލެ ޖަލު އެލާޓްކޮށްފައި އޮތް އޮތުމަށް އަދި ނިމުމެއް ގެނެސްފައެއް ނުވެއެވެ. ކަރެކްޝަނަލް ސާވިސް އިން ބުނި ގޮތުގައި މާލެ ޖަލާއި ހުޅުމާލެ ޖަލު އެލާޓްކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެންނާނީ ދެ ވަނަ މަރުހަލާ އިން ފެށިގެންނެވެ.

މިހާރު ގެނައި ބައެއް ލުއިތަކުގެ ތެރޭގައި އެލަވަންސް ވަޒީފާ އަދާކުރާ ގައިދީން މަސައްކަތަށް ނެރެވޭ އިރު، އެމީހުން ތިބެން ޖެހޭނީ މާސްކް އަޅުވާފައި ކަމަށް ވެސް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ. ޖަލުގައި މަސައްކަތް ކުރާ އޮފިސަރުންނާއި މުވައްޒަފުން ބޭނުންކޮށްގެން ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފެށިދާނެ ކަމަށާއި ޖަލެއްގައި ބަންދުކޮށްފައި ތިބި ދެ މަފިރިންނަށް އެކަހެރި ބައްދަލުވުން ދެވިދާނެ ކަމަށް އުސޫލުގައިވެއެވެ.

ކަރެކްޝަންސް އިން ބުނި ގޮތުގައި ދެ ވަނަ މަރުހަލާ ފެށިގެން ދާނީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުޅުވާލާ ހިސާބުންނެވެ. އަދި ތިން ވަނަ މަރުހަލާ ފެށިގެން ދާނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ހިސާބުންނެވެ.

ފުރަތަމަ މަރުހަލާގެ ދަށުން ޖަލުތަކުގެ އެތެރޭގައި ހުއްޓިފައިވާ ކަންތައްތައް އަލުން ފެށޭނެއެވެ. އަދި ދެވަނަ މަރުހަލާގައި ޖަލުގެ ބޭރުން ކުރެވޭ ބައެއް ކަންތައްތައް ފެށިގެންދާއިރު، ތިން ވަނަ މަރުހަލާގައި އިތުރު ލުއިތައް ލިބިގެންދާނެއެވެ.

ނަމަވެސް ޖަލުން ނުވަތަ ޖަލު ހުރި ރަށަކުން ކޮވިޑް-19 އަށް ފައްސި ވެފައިވާ މީހެއް ފެނިއްޖެ ނަމަ ނޫނީ އެ ރަށެއް މޮނީޓަރިން ހާލަތަށް ގެނެވިއްޖެ ނަމަ، ސަރުކާރުން އަޅާ ފިޔަވަޅުތައް ރިއާޔަތްކޮށް، ޖަލުގެ އެލާޓް ލެވެލް އަށް ބަދަލު ގެނެސް ލުއި ދިނުމުގެ މަރުހަލާތައް މެދު ކަނޑާލެވޭނެ ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.

ކަރެކްޝަންސް އިން ބުނީ ޖަލުގައި ތިބި މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާރު ވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައި ހުރި ކަމަށެވެ. ހާއްސަކޮށް އަތް ދޮވުމާއި ޑިސްއިންފެކްޓް ކުރުމަށާއި ސާފުތާހިރު ކަން އިސް ކުރުމުގެ އިތުރުން ހުރިހާ އެންމެން ވެސް ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރިތޯ ކޮންމެ ދުވަހަކު ޗެކްކޮށް، އެފަދަ އަލާމާތެއް ފެނިއްޖެ ނަމަ، އަޅާނެ ފިޔަވަޅުތައް ހަމަޖައްސާފައިވާ ކަމަށް އެ ތަނުން ބުންޏެވެ. އަދި ގައިދީންނާއި ބަންދު މީހުންނަށް ޝަކުވާ އީމެއިލް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ފުރަތަމަ މަރުހަލާގައި ހުއްދަ ނުކުރާ މުހިންމު ބައެއް ކަންކަމުގެ ތެރޭގައި އޮފިސަރުންނާއި މުވައްޒަފުން އަހަރީ ޗުއްޓީއަށް ފޮނުވުމާއި އެމީހުން ރަށުން ބޭރަށް ދިއުން ހިމެނެއެވެ. އުސޫލުގައިވާ ގޮތުން އެކަން ކުރެވޭނީ ދެ ވަނަ މަރުހަލާގައެވެ.

ފުރަތަމަ މަރުހަލާގައި ދޭ ލުއިތަކުގެ ތެރޭގައި ވަކީލުންނަށް ބައްދަލުވުންތައް ދިނުމާއި ގައިދީންނާއި ބަންދު މީހުން ކޯޓުތަކަށާއި ސިއްހީ ފަރުވާއަށް މާލެ ގެނައުން ހިމަނާފައެއްނުވެއެވެ.

ދެ ޖަލެއްގެ އެލާޓް ނިމުމަކަށް ގެނެސް ބައެއް ލުއިތައް ދިން އިރު މާލެ، ހިންމަފުށި، މާފުށި އަދި ހުޅުމާލެ ޖަލުގައި ތިބި ބައެއް އޮފިސަރުންނާއި މުވައްޒަފުންނާއި ގައިދީންގެ ސުންކު ނަގައި ޓެސްޓް ކުރި ނަމަވެސް އެއްވެސް މީހެއްގެ ގައިން ކޮވިޑް-19 ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙުލި

    ޢޮފިސަރުން އެލާޓްގަ ބައިތިއްބަންޖެހޭ އެއްވެސް ސަބަބެއް ނެތް. ރައްޔިތުންނަށް އުނދަގޫ ކުރުން ނޫންކަމެއް ނުކުރޭ

  2. Anonymous

    ޔަމިން އަށް ހުކުން ކޮއްފި. ދެން ލުއި ދޭންވީ.