ރާއްޖޭގެ ރަށްރަށުގައި މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދެންމުމަށް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހާ މެދުގައި ގޮތެއް ނިންމުމަށް މިރޭ މެންދަމު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.

މަޖިލިހުގެ އިދާރާ އިން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މި ޖަލްސާ އޮންނާނީ މިރޭ މެންދަމު 1:30 ގައެވެ. މިއީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް މިހާ ލަސް ގަޑިއެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ. މީގެކުރިން ރޭގަނޑު ގަޑީގައި ޖަލްސާތައް ބާއްވާފައި އެބަހުއްޓެވެ.

ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ހުށަހަޅުއްވާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދިމާވި ހާއްސަ ހާލަތުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތް ނުވުމުން މިހާރު ރަށްރަށުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު ދަންމާލުމަށެވެ. މިއީ އެމްޑީޕީގެ ތެރޭގައި ވެސް ހިޔާލު ތަފާތުވުން އުފެދިފައި އޮތް ކަމެކެވެ.

މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު އަންނަ ބުދަ ދުވަހު ހަމަވާނެއެވެ.

ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހުގެ އިތުރުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލް ވެސް ވަނީ އެޖެންޑާކޮށްފައެވެ. ގާނޫނުއަސާސީ އަށް ގެންނަ އިސްލާހު ގެނައުމުގެ ބިލާއި އެ އިސްލާހާ ގުޅިގެން ކައުންސިލަރުން އަމަލު ކުރަން ލާޒިމް ކުރާ މި ބިލަކީ އަންނަ ބުދަ ދުވަހުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާ ދެ ބިލެވެ.

ދެ ބިލާ މެދުގައި ގޮތެއް ނުނިންމައިފި ނަމަ، ގާނޫނީ ހުސްކަމަކަށް ދާނެއެވެ.

ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ބަލާނަމަ 66 މެމްބަރުންގެ ވޯޓެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ މެންބަރުން އެމީހުންގެ މަގާމާއި ހަވާލުވަންދެން މިހާރު މަގާމުތަކުގައި ތިބި މެންބަރުން އެމީހުންގެ މަގާމުގައި ދެމި ތިއްބެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަބުލޮ

    އިތުރު ގަޑީގެ ދައިސާ ހޯދާން ބާއްވާ ޖަލްސާއެއްތީ.