2008 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެރިކަމަށް ގެނައީ އެނޫން ގޮތެއް ނެތިގެން ކަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު ވިދާޅުވެއްޖެއެވެ.

ރޭ ފުވައްމުލަކު ސިޓީގައި ވެރިކަން ކުރާ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މައުރޫފު ވިދާޅުވީ އޭރު ވެސް ރައީސް ނަޝީދަށް ވެރިކަން ދިނީ އެމަނިކުފާނަކީ ކުފޫ ހަމަވާ ބޭފުޅަކަށް ވާތީ ނޫންކަމަށެވެ. އަދި އޭރު ސިޔާސީ ފަރާތްތަށް ތިބީ ވިރާސީ ވެރިކަމެއް ނިންމުމަށް އަޒުމު ކަނޑައަޅައިގެން ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވީ ނަޝީދު ވެރިކަމަށް އައީ ޝެއިހް އިމްރާން އަބްދުﷲއާއި އަދާލަތާއި ގާސިމް އިބްރާހީމާއި ޑރ.ހަސަން ސައީދު ފަދަ ބޭފުޅުންގެ މަސައްކަތާއެކު ކަމަށެވެ.

" އޭރު ސިޔާސީ ފަރާތްތަކުން ތިބީ ވިރާސީ ވެރިކަމެއް ނިންމުމަށް އަޒުމު ކަނޑައަޅައިގެން. ރައީސް ނަޝީދަށް ވެރިކަން ދިނުން ނޫން ގޮތެއް އޭރު ނެތީ" މައުރޫފު ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވީ ޝެއިހް އިމްރާނާއި ގާސިމަކީ ދޮގުވެރިން ކަމަށާއި މިއަދު އަނެއްކާ ވެސް ފެންނަނީ ދޮގު ހަދައިގެން ވެރިކަން ހޯދަން ނުކުންނަން ތައްޔާރުވަމުންދާތަން ކަމަށެވެ.

" ނަމަވެސް އެ ފުރުސަތު ދެން ނުދޭނެ. އެމްޑީއޭ އޮތީ ރައީސް އަބްދުﷲ ޔާމީނާއެކު. އެމަނިކުފާނަށް 2018 ކާމިޔާބުކޮށް ދިނުމަށް ވާން ޖެހޭ ކޮންމެ ގުރުބާނީއެއް ވާނެ" މައުރޫފު ވިދާޅުވިއެވެ.

މައުރޫފު ވަނީ ދެވަނަ ފަހަރަށް "ޅަ އެއްޗެއް" ނޭޅުމަށް ދިވެހިންނަށް ގޮވާލާފައެވެ. މައުރޫފު ވިދާޅުވީ ރައީސް ޔާމީނާއެކު ތިބީ އެމަނިކުފާނު ރޮކެޓު ސްޕީޑުގައި ގެންނަމުންދާ ތަރައްގީގެ ސަބަބުން ކަމަށެވެ.