ކޮވިޑް-19 ގެ ސަބަބުން ސަރުކާރުގެ ހަރަދު ކުޑަ ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ އުނިކުރަން ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ގާނޫނީ ވަކީލު ހައްވާ ޝަފީއާއެވެ. ޝަފީއާ އަކީ މީގެ ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރެއްވި ވަކީލާއެކެވެ.

ޝަފީއާ މަޖިލީހަށް ހުށަހެޅި ސިޓީއެއްގައި ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުުގައި އަމަލު ކުރާ އުސޫލަށް ބަދަލު ގެނެސް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނެރުނު ސާކިއުލާގައި ކަންބޮޑުވާން ޖެހޭ ގާނޫނީ މައްސަލަތަކެއްވާ ކަމަށް ފާހަގަކުރައްވައިފައެވެ.

އެގޮތުން ވަޒީފާއާ ބެހޭ ގާނޫނަށް ރިއާޔަތް ކުރައްވައި ޝަފީއާ ވިދާޅުވީ ވަޒީފާ އާއި ބެހޭ ގާނޫނުގައި ބުނާ ގޮތުން ވަޒީފާ ދޭ ފަރާތާއި މުވައްޒަފަކާ ދެމެދުވާ އެއްބަސްވުމެއްގެ ދަށުން މެނުވީ މުވައްޒަފަކު ލައްވައި އިތުރު ގަޑީގައި މަސައްކަތް ނުކުރެވޭނެ ކަމަށާ، އިތުރު ގަޑީގައި މަސައްކަތުގެ ފައިސާ ދޭންވާނެ ކަމަށެވެ.

އެހެންކަމުން މިފަދަ ހާލަތެއްގައި ސަރުކާރުގެ ހަރަދު ކުޑަކުރުމަށް ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ސީއެސްސީން ބަދަލު ގެނެސްފައި ވަނީ ވަޒީފާގެ ގާނޫނާ ހިލާފަށް ކަމަށާއި ވަޒީފާއާ ބެހޭ ގާނޫނަށް ސީއެސްސީން ވެސް އަމަލު ކުރަން ޖެހޭނެ ކަަމަށް އެ ސިޓީގައިވެއެވެ.

ސީއެސްސީގެ އެ ސާކިއުލާގައި ރާއްޖޭގައި މިހާރު އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ސިވިލް ސާވިސް މުވައްޒަފުން އިތުރު ގަޑީގެ ގޮތުގައި ކުރާ މަސައްކަތަށް ފައިސާ ދެވޭނީ ހަފުތާއަކު 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމުން ކަމަށް ބުނެފައިވާ އިރު، އިތުރު ގަޑީގެ ފައިސާ ދެމުން ދަނީ ސިވިލް ސާވިސް ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެއްގެ ދަށުން ކަމަށާއި އެ ގަވާއިދުގައި ދުވާލަކަށް ކަނޑައެޅިފައިވާ ރަސްމީ ގަޑިއަށް ވުރެ އިތުރުށް މަސައްކަތް ކުރުވައިފިނަމަ އިތުރު ގަޑީގެ ފައިސާ ސިވިލް ސާވެންޓުންނަށް ދޭން ވާނެ ކަމަށް ބުނެފައިވާކަން އެ ސިޓީގައި ފާހަގަކޮށްފައިވެއވެެ.

އަދި އެ ގަވާއިދުގައި އެހެން ބަޔާން ކޮށްފައި ވަނިކޮށް ސާކިއުލާއެ މެދުވެރިކޮށް ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ އުނިކޮށްފައިވަނީ އެ ގަވާއިދާ ހިލާފަށް ކަމަށް ޝަފީއާ ވަނީ ފާހަގަކުރައްވާފައެވެ.

ސިވިލް ސާވެންޓުންގެ އިތުރު ގަޑީގެ ފައިސާ ދިނުމުގައި ފިނޭންސް މިނިސްޓްރީ އާއި ސީއެސްސީން ގާނޫނާ ހިލާފްވެފައިވާ ކަމަށާ، މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަކުން އެ ކަން ހިނގައި ދިޔަ ގޮތް ސާފުކުރުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢބްދުﷲ

    ޝަފީއާ އެބުނަނީ ރަނގަޅު ވާހަކައެއް. 48 އަށް ގަޑިއިރު މަސައްކަތްކުރަން ޖެހޭނެ ކަމަކށް ޤާނޫނަކު ނުބުނޭ.

    7
    1
  2. ނަސް

    އިތުރު ގަޑީގެ ފައިސާ ގިނަ އޮފީސް ތަކުގައި ގަވާއިދާ ހިލާފައް ވަގައް،،ބައެއް ބޭފުޅުން ޙީކުރާނި ވައްކަމަކައް ވާނި ތިޒޫރިން އެކަނި ފައިސާ ނޭގީމަ ކަމައް..

  3. މިލާ

    ބައެއް އޮފީސް ތަކުން ހުރޭ އޯޓީ އައް 20 ހާސް،، 30 ހާސް ނަގާފަ ..