އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) މިހާތަނަށް 20،000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މިއަދު އައިޖީއެމްއެޗް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިހާތަނަށް އެ ހޮސްޕިޓަލުގެ ލެބޯޓްރީގައި 20،000 އަށްވުރެ ގިނަ ޕީސީއާރު ޓެސްޓު ހެދިފައިވާ ކަމަށެވެ. އަދި އެކަމަށްޓަކާ އައިޖީއެމްއެޗް ގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުންނަށް އެ ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އައިޖީއެމްއެޗް އިން ބުނީ ޓެސްޓެއް ހެދި ނަތީޖާ ނެރުމާއި ހަމައަށް އެތަކެއް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ކޮވިޑް-19 އާއި ގުޅިގެން ކުރަމުންދާ މަސައްކަތުގައި ނަމޫނާ ދައްކަމުން އަންނަ ކަމަށެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މީގެކުރިން ވިދާޅުވެފައި ވަނީ އައިޖީއެމްއެޗް ގައި ދުވާލަކަށް 600 ޓެސްޓް ހެދޭވަރުގެ ކެޕޭސިޓީއެއް ހުރި ކަމަށެވެ. އަދި އެ ކެޕޭސިޓީ މިމަހުގެ ތެރޭގައި 1،000އަށް އިތުރުކޮށް، އަތޮޅުތެރޭގައި މިމަހުގެ ނިޔަލަށް ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް-19 އަށް 1،773 މީހުން ފައްސިވެފައެވެ. އޭގެ ތެރެއިން 453 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު އަދިވެސް އައިސޮލޭޝަންގައި 1،313 މީހަކު އެބަތިއްބެވެ. މިހާރު ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ވަނީ 13 މީހުންނެވެ. އޭގެ ތެރެއިން ދެމީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ. ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވެފައި ވަނީ ޖުމްލަ ފަސް މީހުންނެވެ.