ކޮވިޑް-19 މީގެ ކުރިން ޖެހިފައި ހުރިކަން ދެނެގަނެވޭނެ އެންޓިބޮޑީ ޓެސްޓް ކުރެވޭނެ އިންތިޒާމް ވެސް އޭޑީކޭ ހޮސްޕިޓަލްގައި ގާއިމު ކޮށްފިއެވެ. އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ބުނީ އޭޑީކޭ ހޮސްޕިޓަލްގައި ކުރާ އެންޓިބޮޑީ ޓެސްޓްގެ ނަތީޖާ 18 މިނެޓް ތެރޭގައި ލިބޭނެ ކަމަށެވެ.

އެންޓިބޮޑީ ޓެސްޓަކީ ކުރިން ކޮވިޑް-19 ޖެހި، މިހާރު ރަނގަޅުވެފައި ހުރިތޯ ބަލަން ކުރަމުން އަންނަ ޓެސްޓެކެވެ. މީގެ ކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ރާއްޖޭގައި ބައެއް ބިދޭސީންނަށް ކޮވިޑް-19 ކުރިން ޖެހިފައި ހުރިތޯ ބަލަން އެންޓިބޮޑީ ޓެސްޓްތައް ކޮށްފައެވެ. އެޓެސްޓްތައް ކޮށްފައި ވަނީ އައިޖީއެމްއެޗްގައެވެ. ޓެސްޓްތަކުން ދެއްކި ގޮތުގައި ބައެއް ބިދޭސީންނަށް ވަނީ ކޮވިޑް-19 ޖެހި ރަނގަޅު ވެފައެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ވަނީ އޭޑީކޭ ހޮސްޕިޓަލްގެ އިތުރުން އައްޑޫގެ އެއިމްސް ކްލިނިކްގައި ވެސް ކޮވިޑް-19 އެންޓިބޮޑީ ޓެސްޓް ކުރެވޭނެ މެޝިނެއް ބަހައްޓާފައެވެ.

މިމެޝިންތަކުން 18 މިނެޓް ތެރޭގައި ނަތީޖާ ލިބޭއިރު ގަޑިއަކު 300 ޓެސްޓް ހެދޭނެއެވެ.

އޭޑީކޭ ހޮސްޕިޓަލުން ގެންދަނީ މިހާރު ކޮވިޑް-19 ޖެހިފައި ހުރިތޯ ބަލަން ޕީސީއާރް ޓެސްޓްތައް ވެސް ހަދަމުންނެވެ. އަދި އައްޑޫ އެއިމްސް ކްލިނިކްގައި މިހަފްތާ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރަން ފަށަން ވަނީ ނިންމާފައެވެ.

ރާއްޖެ އިން މިހާތަނަށް 1773 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި އަމާޒަކީ ކޮންމެ ދުވަހަކު ރާއްޖޭގައި 1000 ކޮވިޑް-19 ސުންކު (ސާމްޕަލް) ޓެސްޓް ކުރުމެވެ. އަދި ރާއްޖޭގައި ދުވާލަކު ކުރެވެނީ 800 ވަރަކަށް ޓެސްޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ވަރަށް ސަޅި ޙަބަރެއް.

    6
    1
  2. އަހްމަދު

    ރޮޒެއިނާ ކޮބާ އައްޑޫއިން މިހާރު ޓެސްޓް ހެދޭތޯ! މިބުނީ ސަރަކުކާރު ހޮސްޕިޓަލުން

    3
    1