ރާއްޖޭގެ އުތުރުން ލަކްޝާޑްވީޕް ސަރަހައްދުގައި ތޫފާނެއް އުފެދެމުންދާ ކަމަށާއި، މި ތޫފާން ދަނީ ރާއްޖެއާ ދުރަށް ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، މިހާރު އުފެދިފައިވާ ލޯ ޕްރެޝަރު ޓްރެކް މިއަދު ޑިޕްރެޝަނަކަށް ބަދަލުވެ މާދަމާގެ ވަގުތެއްގައި ތޫފާނަކަށް ބަދަލު ވެގެން ހިނގައިދާނެ ކަމަށެވެ.

އެހެން ނަމަވެސް ރާއްޖެއާއި ދުރަށް ދަތުރު ކުރަމުން ދާތީ އޭގެ އަސަރު ރާއްޖެއަށް ސީދާ ގޮތެއްގައި ނުކުރާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

"ޑިޕްރެޝަނަކަށް ބަދަލުވެ، މާދަމާ ތޫފާނަކަށް ބަދަލުވާނެ ކަމަށް ބެލެވޭ. ރާއްޖެއާއި ދުރަށް ދަތުރު ކުރަމުންދާތީ ސީދާ އަސަރެއް ރާއްޖެއަކަށް ނުކުރާނެ" މެޓް އޮފީހުން ވިދާޅުވިއެވެ.

"ނިސާގާ' ގެ ނަމުން ނަން ދެވިފައިވާ މި ތޫފާނުގެ ސަބަބުން އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ މުމްބާއި ހިމެނޭހެން މަހަރަސްތްރަ އަދި ގުޖްރާތަށް ރެޑް އެލާޓް ނެރެފައެވެ. އެހެން ކަމުން އެގައުމުން އަންނަނީ ދުރާލާ މިކަމަށް ތައްޔާރުވުމަށް ފަށާފައެވެ.

އެގޮތުން އަރަބިއަން ކަނޑަށް މަސްވެރިކަމަށް ނުކުމެ ތިބި ހުރިހާ އުޅަދެއްވެސް ވީ އެންމެ އަވަހަށް އަނބުރާލުމަށް އިންޑިއާ މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

ތޫފާން "ނިސާގެ" ސަބަބުން މުމްބާއީ އަދި ކައިރި އެހެން ހިސާބުތަކަށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ގުގުރުމާއެކު ވާރޭ ވެހިފައެވެ.

މި ތޫފަނަށް އިންޑިއާއިން ތައްޔާރުވަމުން އަންނައިރު، މިދިޔަ މަހުގެ ތެރޭގައި ތޫފާން "އަމްފަން" އެގައުމުގެ އިރުމަތީގެ ސަރަހައްދަށް އަރައި ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.