މަސްވެރިކަމާ ބެހޭ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމުމަށް ބަޔާންކޮށްފައިވާ ގިނަ ގަވައިދުތަކެއް ތާރީހުގައި ނިންމާފައި ނުވާ މައްސަލާގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ޒިންމާ އަދާ ނުކުރައްވާ ކަމަށް ގަވާއިދު ކޮމެޓީން ނިންމާފައި ވާތީ އެ ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ތާވަލުކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އެ ރިޕޯޓަށް ބަހުސް ކުރުމަށްޓަކައި މިރޭ 23:30ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވެސް އެ ރިޕޯޓަށް ވަނީ ބަހުސް ކޮށްފައެވެ.

އެ ޖަލްސާގަައި ރިޕޯޓަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ މިނިސްޓަރު ޒަހާއާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. އަދި ވިދާޅުވީ ޒަހާ ވަހީދު މަޤާމުން އިސްތިއުފާ ނުދެއްވައިފި ނަމަ ވަރަށް އަވަހަށް އެކަމަނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހަޅުއްވާނެ ކަމަށެވެ.

އެގޮތުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއި ވިދާޅުވީ މަސްވެރިންނަށް އެއްވެސް ކަމެއް ނުކޮށްދެވޭ ކަމަށެވެ. އެމްޑީޕީ މެމްބަރުން އެކަމަށް ނޫނެކޭ ނުބުނާނެ ކަމަށާއި، ކޯލިޝަންގެ ރަޖާ އަޅައިގެން ތިބި އެހެން މިނިސްޓަރުންވެސް ސަރުކާރާއި މަޖިލީސް ފެއިލްކޮށްލާ ނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޒަހާ އަށް މަސްވެރިންގެ ހައްގުގައި ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށް ރާއި ވިދާޅުވިއެވެ.

ރާއިގެ އިތުރުން އެމްޑީޕީ އަށް ނިސްބަތްވާ އެހެން މެމްބަރުން ވެސް ވަނީ ޒަހާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިދިޔަ 5 އަހަރު ކަންކަން ހިނގިގޮތަށް މިހާރު ކަންކަން ހިނގަން ފުރުސަތު ދެވެން ނެތް ކަމަށާއި ރަނގަޅަށް މަސައްކަތް ނުކުރާނަމަ ވަޒީރުކަމުން ވަކިކުރަން ޖެހޭކަމަށް މެމްބަރުން ވިދާޅުވިއެވެ.

މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ދުވަހަށް ނިންމާފައި ނުވާތީ އެ މައްސަލަ ދިރާސާ ކުރުމަށްފަހު ގަވާއިދު ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ މަސްވެރިކަމުގެ ގާނޫނުގައި ލާޒިމް ކޮށްފައިވާ ގަވާއިދުތައް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ނިމިފައި ނުވާކަން އެ ކޮމެޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ގާނޫނެއްގައި ވަކި ގޮތަކަށް އަމަލު ކުރަންވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ނަމަ އެއީ ގާނޫނުން އުފައްދާ ބަރީއަވުމެއް ނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއް ކަމަށް ބަލަންވާނެ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގެ 37ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ފިޝަރީޒް މިނިސްޓްރީއާ މަސްވެރިކަމުގެ ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތެއް އަދާ ނުކުރުމުގެ ސަބަބުން އެ މުއްދަތު ފަހަނައަޅާ ދިއުމަށްފަހުން މިއަދާއި ހަމައަށްވެސް އެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާކަމުގެ ސަބަބުން އެ މިނިސްޓްރީ ގާނޫނާއި ހިލާފުވެފައިވާ ކަމަށް ކޮމެޓީއަށް ގަބޫލުކުރެވޭ ކަމަށާއި ފިޝަރީޒް މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައި ނުވާކަމަށް ކޮމެޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަނަމަނަ

    ޒަހާ ޒިއްމާ އަދާނުކުރިޖަލްސާ ރޭގަޑު މީހުންނިދީމަ ވަގުން ވައްކަންކުރަން ނިކުންނަގަޑީގަ ބާއްވަނީ ހާދަހިއްވަރެއްނެތޭ

  2. ަިްަެްަަްެެ

    ތީ ހަމަ ދަޅަޔެަ

  3. އަވަދި އަވަދި

    ޔާމީން ސަރުކާރުން ކުރިގޮތަކާއި ގާތަށްވެސް ކަލޭމެންނަށް ރަށްޔިތުންނަށްޓަކާ އެއްކަމެއް ހަމަހިލާ ނުކުރެވޭނެ. ދުރުމީ އަޅައިގެން ބެއްޔަކަސް އެރާސްތާ ދެނެއް ކަލޭމެންކަށް ނުފެންނާނެ.

  4. މުހަންމަދު

    މިއާޓިކަލް ހަމަ ދުންޔާ މައުމޫނަށް ނުފެންނާނީބާ؟

  5. ޙަސަނުގެދަރި

    ނައިޓްކްލަބް ތަކުގެ މަސައްކަތް އޮންނާނީ މެންދަމު ނޫންތޯ މީވެސް ރެކޯޑްކަށް ކުރާ ކަމެއް ދޮއްތަ ދެން ސޮނި ބާލަމުން ބުނާނެ ދުނިޔޭގަ ފުރަތަމަ ފަހަރަށް މެންދަމުގެ ވަގުތުގައި ރައްޔިތުންގެ މަޖްލިސްގެ ޖަލްސާއެއް ބޭއްވީ ތިމަން މީހާއޭ ހޭދެބައިވެދާނެ ބުއްޅަބޭ ހަމަ ކޮށްފަ ނުކުރާނެ ކަމެއްވެސް ނޭނގޭނެ