މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވަން ފެއްޓެވީ ބައްޕާފުޅުގެ އެދިލެއްވުމުގެ މަތިން ކަމަށް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަދި މިހާރު ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން "ސަންގުޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ރައީސް ޔާމިނާއެކު ސިޔާސީ މަސައްކަތް ކުރައްވަން ފެއްޓެވީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކަމަށެވެ.

ރައީސް ޔާމީންގެ ވެެރިކަމުގައި ރައީސް މައުމޫނާއި ދެބޭފުޅުންގެ ހިޔާލުތަފާތުވެ ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ރައީސް މައުމޫނާއި އެމަނިކުފާނުގެ މުޅި އާއިލާ ނިކުންނެވިއިރުވެސް ޣައްސާން މައުމޫން ހުންނެވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައެވެ. ޣައްސާން ވިދާޅުވީ އޭނާގެ އާއިލާ ތެރޭގައި ސިޔާސީ މައްސަލައެއް ޖެހުނު އެއީ ފުރަތަމަ ފަހަރު ނޫން ކަމަށެވެ. އަދި އަބަދުވެސް ގަބޫލުކުރައްވާ އުސޫލަކީ ކޮންމެ ކަހަލަ މައްސަލައެއް ވެސް ހައްލު ކުރެވޭނީ މަޝްވަރާ ކޮށްގެން ކަމަށް ޣައްސާން ވިދާޅުވިއެވެ.

"އަޅުގަނޑަކީ ދުނިޔެއަށް އައީއްސުރެން ސިޔާސީ މަސްރަހެއްގައި އުޅޭ މީހެއް. ސިޔާސީ މައްސަލައެއް އަޅުގަނޑުމެންގެ އާއިލާގައި ޖެހުނު މިއީ ފުރަތަމަ ފަހަރެއް ނޫން. އަޅުގަނޑަށް ގަބޫލު ކުރެވެނީ ކޮންމެ މައްސަލައެއް ވެސް ހައްލު ކުރެވޭނީ މަޝްވަރާކޮށްގެން ކަމަށް. އެހެންވީމާ އަޅުގަނޑު ހުރީ ދެފަރާތާ ވާހަކަ ދެއްކޭ މީހެއްގެ ގޮތުގަ މައްސަލަ ހައްލު ކުރެވޭތޯ." ޣައްސާން ވިދާޅުވިއެވެ.

ޣައްސާން އެފަދައިން ވިދާޅުވިއިރު ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ދާދިއަވަހަށް ރައީސް ޔާމީންގެ ދިފާއުގައި ވާހަކަދައްކަވާފާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޣައްސާން މިހެން ވިދާޅުވީ އޭނާ އަށް އަމާޒުކޮށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ފާޑު ވިދާޅުވުމުން އެބޭފުޅުންނަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓްތަކެއްގައެވެ.

ވައްޑެ އާއި ނިހާދު، ޣައްސާނަށް ފާޑުވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރަން ސިއްރުން ހަދާނެ ޑީލެއް ނޯންނާނެ ކަމަށާއި، ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަރަށް ފާޅުގައި ކަމަށް ޣައްސާން ވިދާޅުވުމުންނެވެ.

ވައްޑެ ކުރެއްވި ޓްވީޓެއްގައި ބައްޕާފުޅާއި ބޭބޭފުޅުގެ ދިފާޢުގައި ބަހެއް ބުނަން އޭރު ނުކެރުނީ ކީއްވެތޯ ޣައްސާނާއި ވަނީ ސުވާލު ކުރައްވާފައެވެ. ޝަރީޢަތެއް، ޙުކުމެއް ވެސް ނެތި އޭރު އެބޭފުޅުން ޖަލަށް ލާފައި ތިބި ކަމަށާއި، މިހާރު ޔާމީން އެންމެނަށް ވެސް ގަބޫލު ކުރެވޭ ވަރުގެ ބޮޑު ޙުކުމެއްގައި ކަމަށް ވައްޑެ ވިދާޅުވިއެވެ.

ވައްޑެއަށް ރައްދުދެއްވާ ޣައްސާން ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށެވެ. އެހެން ވިދާޅުވުމަށްފަހު ޣައްސާން ވަނީ ރައީސް ޔާމީނަށް އޭނާ ތާއިދު ކުރައްވާ ސަބަބުތައް ތަފްސީލްކޮށް "ސަންގް ޓީވީ" ގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ވީޑިއޯއެއް ބައްލަވާލެވުމަށް އެދިވަޑައިގެންފައެވެ.

ވައްޑެ ވަނީ ވީޑިއޯ "ކުރު ފިލްމެއްވަރު ވާތީ" އަދި އެއްކޮށް ބަލައި ނުލެވޭ ކަމަށް ވިދާޅުވެ ޣައްސާނަށް ރިޕްލައި ކުރައްވާފައެވެ. ވައްޑެ ވިދާޅުވީ ޔާމީނަށް ސިޔާސީ ނުފޫޒުން ޙުކުމެއް އައިނަމަ ޔަގީނުން ވެސް ބައްޕާފުޅާއި ބޭބޭފުޅު ވެސް އެކަން ފާހަގަ ކުރައްވާނެ ކަމަށް ދެކޭކަމަށެވެ.

ވައްޑެގެ ޓްވީޓަށް ޣައްސާން ވިދާޅުވީ "އިޝާރާތް ކުރެއްވި ކަންތައް ކޯލިޝަން މުގުރުމުން ފެންނަން ފަށާނެ. އެދުވަސް ދާދިއަވަހަށް ފެންނަކަހަލަ" ކަމަށެވެ. އާއިލީ ގުޅުންތަކާއި ރަހުމާއި ހަމްދަރުދީ ގެންގުޅުއްވަނީ ވަކި ޒަމާނަކުން ވަކި ކޯލިޝަނެއް މުގުރުމަށްފަހު ކަމުގައި ފާހަގަ ކުރެއްވީތީ ޝުކުރުވެރިވާ ކަމަށް ވައްޑެ، ޣައްސާނަށް ރައްދުދެއްވާ ވިދާޅުވިއެވެ.

ދެން ޣައްސާން ވިދާޅުވީ "އިޝާރާތް ކުރީ ތެލާއި ފެނުގެ ގުޅުމަށް. ލެއާއި ލޭގެ ގުޅުން ބަދަހި." ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އެކްޓަރ

    ބަޑުރިޔާފެނު އެޅެމުންދަނީއޭ ، އޮޑިމަތިފަރާތަށް އެންމެންޖެހޭށޭ...
    އޭ ލޯބިވާ ޤައުމާއެވެ، ތިބާ އެއްވެސްުށެއްނުކުރާއިރު ބަޔަކު ނުކުމެ ތިބާއަށް އަޅެފަހެ މިދެނީ ކޮންވޭނެއްހެއްޔެވެ.
    ލޯބިވާ ޤައުމާއެވެ، ދެރަނުވާށެވެ، އަހަރަމެންގެ ފުރާނަހުރިހާ ހިނދަކު ތިބާ އެކަނިކޮށްނުލާނަމެވެ.
    ލޯބިވާ ޤައުމާއެވެ.. ބަޔެއްގެ އަޅުވެތިކަމަށް ތިބާ ދޫކޮށްލާފާ
    ލިބޭމަންފާއެއް ހޯދަން މިދަރިން ބޭނުމެއްނޫނެވެ.
    އޭ ލޯބިވާ ޤައުމާއެވެ. ކޮންމެދުވަހަކު ތިބާ އަޅާ ކަރުނައާއި ވޭން އަހަރަމެން އެބަދެކެމެވެ. ތިބާގެ ގެދޮރޮ ކަމުގައިވާ މިސްކިތްތަކާއި ، ތިބާގެ ވަހުދަތުކަމުގައިވާ އިސްލާމް ދީން ފުނޑާލަން ތިބާގެ އަދުއްވުން މަސައްކަތްކުރާތަން ފެނެއެވެ
    އޭލޯބިވާ ޤައުމާއެވެ. މިޤައުމު ސަލާމަތްކުރުމަށް އަހަރަމެން ރ.ޔާމިންގެ މޮހިރުގައި ވަރަށް ރަގަޅަށް ސާބިތުވެ އެބަތިބީމވެ. އަދި ޢައްސާނާއި، ޕިންކް ލީޑަރުންނާއި ފަޅުވެރިންތިބީ ތިބާ އޮޔާދޫކޮށް އޮޅުދުކަރައިގެ ގޮޑްދޮށަށް ލައްގަން ދޫކޮށްލާގޮތަކަށްނޫނެވެ. އަދި ތިބާ ދިފާއު ކުރަން ހުވާކޮށްގެންތިބި ހިތްވަރުގަދަ ދަރިން ޖިހާދުވާނެކަމީ ހަމަ ޔަގީންކަމެޖެވެ...

    59
    1
  2. Anonymous

    މަސައްކަތް ކުރައްވަމުން ގެންދަވާ އަދިވެސް. ކުރިޔަށް އޮތް ތަނުގަވެސް. ކޯލިޝަން މުގުރުމުން ކަންވާނެ ގޮތެއް ނޭގޭ ދެއްތޯ؟ އަޅުގަނޑުމެން ހީކުރިން 2020 އަކީވެސް ހަމަ ރަނގަޅު އަހަރެއްކަމަށް. އެކަމަކު 2020ގަ ވައިރަސް ހުރެގެން ޑިލީޓް ކުރާހިސަބުގަ ނޫންތޯ މިތިބީ. ލެ އާއި ލޭގެ ގުޅުން ވަރުގަދަކަމުން މަނިކުފާނުގެ ބައްޕާފުޅާ (އުމުރުން 80 އަހަރުގަ)، ބޭބޭފުޅާ، ޅިޔަންފުޅާ މާލޭގެ ހަތަރުގަމުގަ ގަންހިންގީ. އަތްދަމާލީމަ އަތްފޯރާ ހިސާބުގަ ނޫންތޯ "އެހިތި މާޒީ" އޮތީ. "އަނގަ އޮތިއްޔަކާ ކާޅެއްނުކާނެ" ވިއްޔަ. ދެމިދާނެ ކޮންމެ ހާސަރެއްވެސް.

    9
    51
  3. އަދިވެސް

    ބައްޕާފުޅު ވިދާޅުވީ ހަމައެކަނި އެވާހަކަތޯ؟ ބައްޕާފުޅު ޖަލުގައި އޮންނެވި އިރުވެސް ކަންކުރެއްްވި ހަމަ އެގޮތަށްތޯ؟

    11
    46
  4. ވަހީދު ބެ----

    ބައްޕާ ފުޅު ގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ނުދެއްކުމަށް ޣައްސާނަށް އިލްތިމާސް ކުރަމެވެ

    20
    30
  5. ހިހި

    މިއަދު މީނައަށް ބައްޕައެއް ފެނިގެން ދޯ މިއުޅެނީ. ބައްޕާފުޅު ބުނެގެން ފެއްޓީ. ހަމައެ ބައްޕާފުޅު އެންމެ ބޭނުނ ޖެހުނު ދުވހު ބައްޕާފުޅު ބުނެގެން ކީއްވެ ނުހުއްޓީ.

    5
    14
  6. ގާދިރު

    މައުމޫން ގެ އަގު ވައްޓާނުލުމަށް އިލްތިމާސް ކުރަން... ފުރަބަންދުގަ ވަރަށް ގިނަމީހުނަށް ނަފުސާނީ ގޮތުން އަސަރުކޮށް ދެކޮޅު ނުޖެހޭވާހަކަތައް ސޯޝަލް މީޑީއާގަ ދައްކާ... އަޅުގަނޑަށް ހީވަނީ މީ އޭގެ ކަމެއްހެން...

    5
    12
  7. އަލި

    ލީޑަރެއްގެ ސިފަތައްއެބަހުރި ތިގޮތުގާ ފަސްނުބަލާ ކުރިޔަދިއުމަށް ފެނޭ

    24
    3
  8. ނަސްރީނާ

    ދަރިފުޅާ ޣައްސާން، ދެން ތި މްއުޟޫޢަށް މާގިނަ ވާހަކަ ދައްކާނެ ކަމެއްނެތް، މަންމަވެސް އަދި ބައްޕަވެސް ބޭނުމީ ދަރިފުޅު ތި ގޮތުގައި ހުންނަން،
    ނަމަ ނަމަ ޕީ ޕީ އެމް ސަރުކާރެއްގަވެސް ، ބައްޕައަށް ލިބެމުންދާެއްޗަކުން ކުޑަ މިންވަރެއްވެސް އުނިވިޔަ ނުދޭތި، މީ މަންމަ ބުނަން އޮތްހާވެސް އެއްޗަކީ، ، ދަރިފުޅަށްވެސް އެނގޭނެ މި މަންމަ ބޭރު ޤައުމުތަކަށް ދާހިތްވާ ވަރު، އެންމެ ގިނަވިޔަސް ރާއްޖޭގަ މަޑުކުރެވޭނީ 15 ދުވަހު، ބޭރު ޤައުމަކަށް ނުދެވި މިތާ ތާށިވެފައި ހުރެ މަންމަ މިހިރަގެން މޮޔަވަނީ،

    4
    7
  9. Anonymous

    މަނިކުފާނުގެ "ލޭގެ ގުޅުންހިނގާ ތި ބޭބޭފުޅު" ގެ ވެރިކަމުގަ މަނިކުފާނުގެ ބައްޕާފުޅު (ވެރިކަމުގަ އެއިރު ހުރި ބޭފުޅާގެ އެއްލޭހިންގާ ބޭބޭފުޅު) ޖަލަށްލީ ކޮން ކުށެއްކޮށްގެން ތޯއެވެ؟ ކުށޭއް ނެތް ކަމަށް ވަންޏާ ބައްޕާފުޅުގެ ދިފާޢުގައި ނުނިކުންނެވީ ކީއްވެގެންތޯއެވެ. އަނެއްކާ ބައްޕާފުޅު ޖަލަށްލީ ކުށެއްކޮށްގެން ކަމުގަ މަނިކުފާނި ޤަބޫލު ކުރައްވަނީ ތޯއެވެ. ތިޔަ އުޅުއްވަނީ ކާކަށް ކޮންތިއްތިއެއް ދައްކާނަމޭ ހިތާތޯއެވެ. އިޙްތިރާމަ ޤަބޫލް ކުރެއްވުން އެދެމެވެ.

    5
    7
  10. މަރީހަޒުބަންޑް

    ބައްޕާފުޅަކީ މާބޮޑު އަގެއް އޮތް ބޭފުޅެއްނޫން. އެމްޑީޕީ އިންވަނީ ބައްޕާފުޅުގެ އަގު ވައްޓާލާފަ.

    16
    3
  11. ކާޅު ކާ ކާ

    ކޮންޢާއިލާއެއްގައި ތޯ މައްސަލަ ނުޖެހެނީ އެކިޢާއިލާގެ ތެރޭގައި ޖެހޭނީ އެކިކަހަލަ މައްސަލަ އެކަން ހައްލުކުރަން ތިބޭނީ ވެސް ހަމައެމީހުން ނޫންތަ އެމްޑީޕީ މީހުން އެދޭކަމެއް ނޫންތަ ޢާއިލާއެކީ ވެގެއުޅުމަކީ އެކަމުން ވެސް އެނގިގެން ދަނީ އެމްޑީޕީ މީހުންގެ ހުރިނުބައި ނުލަފާ އަމިއްލަ އެނދުން ބޮޑުވަރު ޣައްސާނުގެ ޢާއިލާ އެންމެން އެކައްޗަކަށް ވެގެން އުޅުނަކަސް އެއީ އެމްޑީޕީ އަކާއި ބެހޭކަމެއް ނޫން އެއީ އެއްބައެއް އެމީހުން ގުޅެންވީވަގުތަކު ގުޅެއްވީމަގުޅޭނެ އެއީ އެމީހުންގެ އަމިއްލަ ކަމެއް އެކަމަކާ ލާދީނީ މީހުން ބެހި ކާޅެއްހެން ކާ ކާ ލައްވައި އަނގަ ބާނާނެ ކަމެއްނެތް އެމްޑީޕީ މީހުން ދުވަހަކުވެސް ހެޔޮހިތުން ރމައުމޫން އަކަށް ހެވެއް ނޭދޭނެ ދުވަހަކުވެސް:

    15
  12. ހިހި

    މިއަދުއެކަށްޏެއް ނޫން އަބަދުވެސް ބައްޕަ ވާނީހަމަ ބައްޕަޔަށް އެމްޑީޕީ މީހުން ހަޖަމް ހިރުވާވަރުން ނުތިބެވިގެން ތިތެޅެނީ ދެންއަތްޖަހާ

  13. ޖިމް

    ބައްޕާފުޅުވެސް ނުރަނަގަޅު ކަމެއް ކުރަންޏާ އެކަމަކާ އެއްބަހެއް ނުވެވެވޭނެ.ބައްޕާފުޅަކީ އެކަކު. ހަތަރުލައްކަ ރައްޔިތުންގެ ދިފާޢުގައި ޢައްސާނު ތެދުވުމަކީ ޢައްސާނުގެ ހިތްވަރުގަދަކަން. މިއީ ޔާމީންގެ ރާއްޖެއެއްވެސް ނޫން މައުމޫނުގެ ރާއްޖެއެއްވެސް ނޫން. އެމްޑީޕީގެ ރާއްޖެއެއްވެސް ނޫން މިރާއްޖެ ފުން ވަޅުގަނަޑަކަށް ވެއްޓޭއިރު އެކަން ބަލަހައްޓައިގެން އިޚްލާސްތެރީންނެއް ނުތިބޭނެ.