ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކޯޓުގެ ޝަރީއަތެއް ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބާއްވައިފިއެވެ.

މި ޝަރީއަތް ބާއްވާފައި ވަނީ މިއަދު މެންދުރު 13:00ގައެވެ. ސުޕްރީމް ކޯޓުން ބުނީ އެ މައްސަލައަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް ދަޢުވާކޮށް ބ. ތުޅާދޫ ގުލްބަހާރުގެ ޢަދުނާން ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

މައްސަލައިގެ ބެންޗްގައި ހިމެނި ވަޑައިގެންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މަހާޒް އަލީ ޒާހިރު އާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުއެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

މި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންނާއި، ދައުވާކުރާ ފަރާތާއި އެ ފަރާތުގެ ވަކީލު އަދި ދައުވާލިބޭ ފަރާތާއި ކޯޓުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވީ އެ ފަރާތެއް ގާއިމްވެހުރި ތަނުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ސުޕްރީމް ކޯޓުން ބުނީ އެކޯޓުގެ ޝަރީއަތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން ބާއްވާ ޝަރީއަތްތައް ލައިވްކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، މިއަދު ކުރިއަށް ގެންދެވުނު ޝަރީއަތުގެ މަޖިލީހަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން އާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދަންޖެހޭ ބާވަތުގެ މައްސަލައަކަށް ވާތީ މިއަދުގެ ޝަރީއަތް ލައިވްކުރެވިފައި ނުވާ ކަމަށެވެ.

ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ބޭއްވުމަށް ސުޕްރީމް ކޯޓުން ނިންމާ އެކަމުގެ ގަވާއިދެއް އެކުލަވާލާ އާއްމުކުރީ މިދިޔަ އޭޕްރީލް މަހުގެ 8ވަނަ ދުވަހުއެވެ. އެ ގަވާއިދަކީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގެ ބަޔަކަށް އަމަލުކުރުމުގެ ގަވާއިދަށް ވަގުތީ ގޮތުން ހުއްޓާލުމަށްފަހު އަމަލުކުރަން ފަށާ ގަވާއިދެކެވެ. ގޮތަށް އެކޯޓުން އަމަލު ކުރަން ފެށީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުންނެވެ.