ލިވަޕޫލްގެ ވާޖިލް ވެންޑައިކް އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ޑިފެންޑަރު ކަމާއި ޖޯޖެން ކްލޮޕް އަކީ މިހާރު ހުރި އެންމެ މޮޅު ކޯޗުކަމަށް ލިވަޕޫލްގެ ޒުވާން ޑިފެންޑާ އެންޑްރީ ރޮބާޓްސަން ބުނެއްޖެއެވެ.

ދަ ފުޓްބޯލް ޝޯގައި ވާހަކަ ދައްކަމުން ސްކޮޓްލޭންޑްގެ ޑިފެންޑާރ ރޮބާޓްސަން ބުނީ 75 މިލިއަން ޕައުންޑަށް ލިވަޕޫލް އަށް ގެނައި ވެންޑައިކްގެ އަގަކީ ރަނގަޅު އަކެއް ކަމަށާއި އޭނާ އެކަން ދަނޑުމަތީގައި ސާބިތުކޮށް ދީފައިވާ ކަމަށެވެ.

" ވެންޑައިކް އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ޑިފެންޑަރު ، އަހަރެން ވަރަށް ގަޔާވޭ އޭނާ އަހަރެންނާ އެކީގައި ޑިފެންސްލައިންގައި ކުޅޭތީ " ރޮބާޓްސަން ބުނެފައިވެއެވެ. " އަހަރުމެން ދެމީހުންގެ ދެމެދުގައި ރަނގަޅު ގުޅުމެއް ދަނޑުމަތީގައި އާއި ދަނޑުން ބޭރުގައި އޮވޭ ، ހާއްސަކޮށް ދަނޑުމަތީގައި އަހަރުމެންގެ ގުޅުން ވަރަށް ރަނގަޅު ".

ވެންޑައިކް އަކީ ހުނަރުވެރި ލީޑަރެއް ކަމާއި އޭނާއަކީ ލިވަޕޫލް އަށް ކާމިޔާބު ހޯދުމަށް މުހިންމު ދައުރެއް އަދާކުރި ފަރާތެއް ކަމުގައި ރޮބާޓްސަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އޭނާ ބުނީ ސެލްޓިކްގައިވެސް ވެންޑައިކް އުޅުނު އިރު ވެންޑައިކް އަކީ އޭނާ ވަރަށް ގަޔާވާ ކުޅުންތެރިއެއް ކަމަށާއި ލިވަޕޫލްއާއި އޭނާ ގުޅުމުން ވަރަށް އުފާވި ކަމަށެވެ.

ޖޯޑެން ކުލޮޕްއަކީ ލިވަޕޫލް ކުޅުންތެރިންގެ ބައްްޕަ ކަމުގައި ރޮބާޓްސަން ވަނީ މި ޝޯގައި ވާހަކަ ދައްކަމުން ފާހަގަކޮށްފައެވެ. އޭނާ ބުނީ ކްލޮޕް ހުރިހާ ކުޅުންތެރިން ދެކެނީ އޭނާގެ އަމިއްލަ އާއިލާގެ ސިފައިގައި ކަމަށާއި މިހާރުގެ ކާމިޔާބީގެ ސިއްރަކީ އޭނާ ކުޅުންތެރިންނާއި ބާއްވާ ގާތް ގުޅުން ކަމަށެވެ .

"މިހާރު މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކޯޗަކީ ކްލޮޕް ، އޭނާ ހުންނައިރު އަހަރެންގެ ނަފްސައް އޮންނަ އިތުބާރު ބޮޑުވޭ " ރޮބާޓްސަން ބުންޏެވެ. ޕްރިމިއާ ލީގުގެ ތާވަލްގައި ލިވަޕޫލް 82 ޕޮއިންޓާއިއެކު ތާވަލްގެ އެއްވަނައިގައި އޮތީ ވާދަވެރި މެންޗެސްޓާ ސިޓީއަށްވުރެން 25 ޕްއިންޓް ކުރީގައެވެ. ކޮރޯނާއާއި ގުޅިގެން ލީގު މެދު ކަނޑާލާފައި ވާއިރު މި މަސް ތެރޭގައި ބާކީ ހުރި މެޗުތައް ފެށުމަށްވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު