ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށް ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުން ކުރަން ދަސްކޮށްދިނުމުގެ ގޮތުން "އޮފީސް ދިވެހި" ނަމުގައި ކޯހެއް ފަށަން ނިންމާފައިވާ ކަމަށް ދިވެހި ބަހުގެ އެކަޑަމީން ބުނެފިއެވެ.

ދިވެހި ބަހުގެ އެކެޑަމީން ބުނީ، ކޮވިޑް-19 ގެ ފުރަބަންދުގައި ގޭގައި ތިބެގެން ދިވެހި ބަހުގެ އަދަބީ ހުނަރުތަކާއި ބަހުގެ ގަވައިދުތަކާއި ލިޔުންތެރިކަން ކުރިއަރުވަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އެ އެކެޑަމީން އެކި އެކި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެކި އެކި ކޯސްތަކާއި ކްލާސްތަށް އޮންލައިންކޮށް ހިންގަމުން އަންނަ ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދަން ހަމަ ޖެހިފައިވާ މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ. މި ކޯހަކީ 20 ގަޑިއިރުގެ މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

ދިވެހި ބަހުގެ އެކެޑެމީން ބުނީ، މި ކޯހުގައި ބައިވެރިވާން އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.

ސަރުކާރުގެ އެކި އެކި މުއައްސަސާތަކުގެ މުވައްޒަފުންގެ ތެރެއިން މި ކޯހުގައި ބައިވެރިވާން އެދޭ މުވައްޒަފުން ކޯހުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު މި މަހުގެ 5 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކެޑެމީއަށް ފޯމު ހުށަހެޅުމަށް ވަނީ އެދިފައެވެ.

ކޮވިޑް-19 ގެ ސަބަބުން އިއުލާނު ކޮށްފައިވާ ފުރަބަންދަށް ލުޔެއް މިހާރު ދީފައިވީ ނަމަވެސް ދިވެހި ބަހުގެ އެކެޑެމީން ވަނީ މި ކޯހުގެ އިތުރުން ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދިނުމާއި، ނާވިލު ލުޔިން ނުވަތަ ކުރު ވާހަކަ ލިޔަން ދަސްކޮށްދިނުމުގެ އިތުރުން ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސ

  އަރަބި ތާނަ ރިތިކޮށް ލިޔަންވެސް. ދެއްތޯ

 2. ދަރަނި ދަންތުރަ

  ހުރިހާ ނޫސްވެރިން ނަށް ވެސް ތިޔފަދަ ކޯހެއް ހިލޭ ހިންގައިދީ ބަލަ ....

 3. ތާކިހާ

  ދިވެހިބަސް އުފެއްދުމުގެ ހައްޤު ދިވެހިންނަށް ލިބެންޖެހޭ. ދިވެހިބަސް އުފެއްދުމައި ބެހޭ ޤާނޫނެއް އޮންނަން ޖެހޭކަމަށް ފެނޭ. ބަހުގެ އެކަޑަމީ އިން އެކަނި ފެންނަ ފެނުމަށް ބަސްއުފެއްދުމުން ގިނަ ދިވެހިން އެކަން ބަލައެއްނުގަނޭ . ބަސްއުފެއްދުމަށް މުބާރާތް ފަދަ ފެން ވަރުހުރި ވާދަވެރިކަމެއް އޮތުން މުހިންމު. އެހެންނޫނީ ގޮރުނުދޯރުފަދަ ފޑފުރޭނި ފަދަ މަތާ ފަދަ އެކޮޅުކޮޅުން ޖެހިފައިވާ ހިގާރު އަދި ދުވާރުފަދަ ހަޑި ބަސްތަކުން މި ރީތި ދިވެހިބަސް ފައްސިވެ ނައްސި ވެ އަޅުވެތި ވެދޭނެ. އަދި މި ޤައުމު މާދަމާ ދެކޭ ދިވެހިބަސްތަކުގެ ފެންވަރު ވަރަށް ދައްވާނެކަމަށް ޤަބޫލުކުރެވޭ. ބަސްއުފެއްދުމަށް މިނިވަން ވާދަވެރި މާހައުލެއް ޤާނޫނަކުން ދިވެހި ބަހުގެ އެކަޑަމީގެ މައްޗަށް ލާޒިމުކޮށް، ދެއްވުމަށް ރައްޔިތުން މަޖިލީހުގެ ޢިއްޒަތްތެރި ހުރިހާ މެންބަރުންގެ ކިބައިންއެދެން.#

  • ރާއްޕެ

   ބަލަ . އެއީ އެ އެކެޑަމީގެ ގާނޫނީ މަސްއޫލިއްޔަތެއް. ބަހުގެ ކުރިއެރިމަށް ޓަކައި ކުރަން ޖެހޭ ކަންކަން ކުރުން. އާ ލަފުޒު ހަދާ އަބަދުވެސް. އެއީ މަގޭ ނަޒަރުގައި މުހިންމު ކަމެއް. ދިވެހިބަހުގެ ބަސްކޮށާރު އޭރުން މުއްސަނދިވަނީ. މަދަރުސާކުދުން އެއަށް އަހުލުވެރިވެ އރންމެން ބޭނުން ކުރީމާ އެނފޭނެ ޔަގީނުްނ

 4. މުފައްކިރު.

  ދަރަނި ދަންތުރަ
  ޖޫން 1, 2020 18:53
  ހުރިހާ ނޫސްވެރިން ނަށް ވެސް ތިޔފަދަ ކޯހެއް ހިލޭ ހިންގައިދީ ބަލަ

  ނޫސްވެރިންނަށް ކޯހެއް ހިންގުމަކީ ސަރުކާރު މުވައްޒަފުންނަށް ކޯހެއް ހިންގުމަށް ވުރެ ބޮޑަށް ބަހަށް ކުރި އެރުން ލިބޭނެ ކަމެއް.