ކޮވިޑް-19 އާއި ގުޅިގެން 150 އަށް ވުރެ ގިނަ ފުލުހުން ކަރަންޓީންގައި އެބަތިބި ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 އާއި ގުޅުގެން ހިނގަމުން އަންނަ ބޮޑު އޮޕަރޭޝަނުގައި ފުލުހުންނާއި ސިފައިން ކުރަމުން އަންނަ މަސައްކަތަކީ ހުރިހާ ދިވެހިން ބަލައިގަންނަން ޖެހޭ ކަމެއް ކަމަށެވެ.

ފުރާނަ އަތްމައްޗަށް ލައިގެން 500 އެއްހާ ފުލުހުން މާލެ ތެރެ ބެލެހެއްޓުމުގެ މަސައްކަތް ކުރާ ކަމަށާއި އަދި 700 އަށްވުރެ ގިނަ ފުލުހުން ކޮވިޑް-19 ގެ އެކި ކަންކަމުގައި އަތޮޅުތެރެ ބަލަހައްޓަމުން އެބަ ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޓެސްޓް ހެދުމުގެ މަސައްކަތުގެ އިތުރުން ލެބޯޓްރީ ގާއިމު ކުރުމުން އެތަނުގައިވެސް މަސައްކަތް މިހާރު ފުލުހުން ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން މިވަތުވެސް 150 އަށްވުރެ ގިނަ ފުލުހުން ކަރަންޓީންގައި އެބަ ތިބި ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު 1829 އަށް އަރާފައިވާއިރު، މި ބަލިން 488 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ބަލި ޖެހިގެން 6 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފަހުލަވާނު

    ތީވެސް ފުލުހުން ކުރާ ޑިއުޓީ ތީހަމަ ވަރަށް ރަނގަޅު ގައުމީ ކަމެއް

    3
    1
  2. އާދަނު

    މާލޭގަ ތިބެފަ ރާއްޖެތެރޭ ރަށްރަށަށް ޑިއުޓީ ކުރަން ފުލުހުން އެބަދޭ. ގޮސް ތިބެނީ ފުލުހުންގެ މަރުކަޒު ތަކުގަ. ދެން އެރަށްރަށުގެ ފުލުހުންނާ ބައްދަލުވޭ. ދެން ރަށްރަށުގަ ތިބޭ ފުލުހުން ޑިއުޓީ ނިންމާފަ ގެއަށް ދިޔައީމަ ވައިރަސް ފެތުރުމަށް މަގު ފަހިވެގެންދޭ..މިއީ ފުލުހުން ކުރާ ވަރަށް ނުރައްކާތެރި ކަމެއް..ފުލުހުންވީމަ މިކަން ހުއްޓުވަން ކަމެއް ކުރެވޭނެ ބަޔަކު ރައްރަށުގަ ނެތް..މާލެގަ ތިބޭ ފުލުހުން ތަށްރަށަށް ފޮނުވުން ވަގުތުން ހުއްޓުވަން ކަމާބެހޭ ވެރިންނަށް ދަންނަވަން..ނޫނީ ރައްޔިތުން އެފަދަ ފަރާތްތަކު މައުލޫމާތު އާންމުންނަށް އެނގޭ ގޮތަށް ހާމަ ކޮށްގެން ނަމަވެސް މިކަންތައްތައް ހުއްޓުވަން ޖެހޭ...

  3. ސަޓޯ

    ދިވެހިން ބަލައެއް ނުގަނޭ އެތިވަރު ގޮވައިގަންނަންވީމަ ތަނެއްދޮރެއް ނުބަލާ... އެކަހަލަ ވިޔާނުދާ ދިވެހިން އުޅޭ...

  4. ފަރީދާ

    މީނަ ކަރަންޓިން ކުރާކަންނުވޭތަ؟