އައިޖީއެމްއެޗްގެ ފުއްޕާމޭގެ ހާއްސަ ޑޮކްޓަރު ޑރ. މޫސާ ހުސައިންއަށް ކޮވިޑް-19 ޖެހި، ރަނގަޅުވެފައިވާ ކަމަށް ދެކެމުންދާ ވާހަކަތައް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ން ދޮގުކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެންސީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ޑރ. މޫސައަށް އެފަދަ ހާލަތެއް މެދުވެރިވެފައި ނުވާ ކަމަށާއި، އެއީ ކަނޑައެޅިގެން ދޮގުވާހަކައެއްކަން ޑރ. މޫސަ ހާމަ ކުރި ކަމަށެވެ.

"މިއަދު އަޅުގަނޑަށް އެބަ ފެނޭ ހަބަރު ކޮންމެވެސް ވަރަކަށް ދައުރުވަމުންދާތަން، ޑރ. މޫސަގެ އެންޓިބޮޑީ ޓެސްޓެއް ހެދިއިރުގައި ފައްސިވެފައިވާކަމަށް ކުރިން ފެނުނު ކަމަށް ފަތުރާ ހަބަރެއް، އަޅުގަނޑު ވަރަށް ސާފްކޮށް ބުނަން ބޭނުން އަޅުގަނޑަށް އެ ހަބަރު ލިބުނު ހިސާބުން ޑރ. މޫސައާ ގުޅާފައި އެ ވާހަކަ އަހާލިން، ޑރ. މޫސައަށް އެފަދަ ހާލަތެއް ދިމާވެފައެއް ނުވޭ، އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށް ޑރ މޫސަ ވިދާޅުވަނީ". މަބްރޫކް ވިދާޅުވިއެވެ.

އަދި ޑރ މޫސައަށް ފަދަ ޑޮކްޓަރުންނަށް އެފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެ މީހުންގެ ގާތް ރަހުމަތްތެރިންނާއި އެކުގައި މަސައްކަތް ކުރާ މީހުންގެ އިތުރުން، ބަލި މީހުންނަށްވެސް ގުޅާ އެކަން އަންގާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޑރ. މޫސައަށް ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާކަމަށް ވާހަކަތައް ފެތުރެމުން ދިޔައީ މީސް މީޑިއާގައެވެ. އެ ޕޯސްޓްތަކުގައި ބުނެފައި ވަނީ، ޑރ. މޫސަ ކޮވިޑް-19 ޖެހުނުކަން އެނގުނީ އެ ބަލި ޖެހި ރަނގަޅުވި ފަހުން ކަމަށެވެ. އަދި އެކަން އެނގުނީ އެޗްޕީއޭއިން ހެދި އެންޓިބޮޑީ ޓެސްޓުތަކުން ކަމަށްވެސް އެ ޕޯސްޓްތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިނބޫ

    "އެ މީހުންގެ ގާތް ރަހުމަތްތެރިންނާއި އެކުގައި މަސައްކަތް ކުރާ މީހުންގެ އިތުރުން، ބަލި މީހުންނަށްވެސް ގުޅާ އެކަން އަންގާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ." ކަމެއް ނާންގާ ބޭއްވުމަކީ އެކަމެއް ނުހިނގާ ކަމުގެ ހެއްކެތް ނޫން އިނގޭތޯ.

    1
    1