މަސްވެރިކަމާ ބެހޭ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމުމަށް ބަޔާންކޮށްފައިވާ ޤަވާއިދުތައް ހަދައި ރިވިއު ކުރުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.
ޒަހާ މިގޮތަށް ވިދާޅުވެފައި ވަނީ، ގަވައިދުތައް ތާރީޚަށް ނިންމާފައި ނުވާ މައްސަލާގައި އެކަމަނާ ޒިންމާ އަދާ ނުކުރައްވާ ކަމަށް ޤަވާއިދު ކޮމެޓީން ނިންމާފައި ވާތީ އެ ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މިރޭ ބާއްވާ ޖަލްސާގައި، އެކަމަނާ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައެވެ.
އެ ސިޓީގައި މިނިސްޓަރ ޒަހާ ވިދާޅުވެފައި ވަނީ، މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަން ޖެހޭ ޤަވާއިދުތައް ހަދައި މިދިޔަ މޭއި މަހުގެ 31 ވަނަ ދުވަހު އޭޖީ އޮފީހަށް ރިވިއުކުރަން ފޮނުވާފައިވާ ކަމަށެވެ. އަދި މެނޭޖްމެންޓް ޕްލޭންތައް ހެދުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ޤާނޫނުގެ ދަށުން ލިބިދޭއިރު، އެ މުއްދަތު އަންނަ ސެޕްޓެމްބަރު ހަމަވުމުގެ ކުރިން ޕްލޭންތައް ނިންމޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ރޭންޖަރުން ނެގުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ކައުންސިލްތަކާއި އެކު މަޝްވަރާ ކުރެވިފައިވާނެ ކަމަށާއި، އެކަމާއި ގުޅޭ އެމްއޯޔޫއެއްގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
ހަމަ އެހެންމެ ރާއްޖޭގައި ކަނޑުމަސް ގަތުމުގެ ވިޔަފާރިއަކީ އާންމުކޮށް ކުންފުނިތަކަށް ހުޅުވާލެވިފައިވާ ދާއިރާއަކަށް ހަދާފައިވާ ކަމަށްވެސް ޒަހާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.
މަޖިލީހަށް ޖަވާބުދާރިވެ ވަޑައިގަތުމަށް ޒަހާ ފޮނުއްވި ސިޓީ އާއި ގުޅިގެން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައި ވަނީ، ޤަވާއިދުތައް ނިންމުމުގެ އިތުރުން މަސްވެރިކަމުގެ ސިނާޢަތުގައި މިހާތަނަށް ނުކުރެވި އޮތް މުޙިންމު ކަމެއްވެސް މިނިސްޓަރ ނިންމަވާފައިވާ ކަމަށެވެ. އެއީ މަސްވެރިކަމުގެ ސިނާޢަތް ހުޅުވާލުން ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ މިނިސްޓަރ ޒަހާއަށް ޝުކުރު އަދާކުރައްވާފައެވެ.
މިރޭގެ ބަހުސްގައި ބައިވެރިވެވަޑައިގަތް މެމްބަރުން ވިދާޅުވެފައި ވަނީ، މިނިސްޓަރ ޒަހާ ޒިންމާ އަދާނުކުރެވިވާ މައްސަލަ ހުށަހެޅުމުން ޤަވާއިދުތައް ނިންމައި އެ މަސައްކަތް ކުރެއްވި ގޮތަށް، ޒިންމާ އަދާކުރެއްވުމަށް އެދޭ ކަމަށެވެ.
މިކަމަށްވެސް މަޖިލިސް ބުއްޅަބޭ އަނގަ ކޮށްޕަން ޖެހޭތަ؟
ތި ހުރިހާކަމަކީވެސް އެއުޅޭ މެންބަރު އާޒިމް އެނަ އަޑިގަ ހުރެގެން ކުޅޭ ޑްރާމާއެއް ފޮޓޯއިން ފެންނަން އެހުރީ އޭނަގެ ކޮއްކޮ އެސޮރަން މިނިސްޓަރ ކަމް ދޭއްވެގެއް ތެޅި ބާލަނީ