މަސްވެރިކަމާ ބެހޭ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމުމަށް ބަޔާންކޮށްފައިވާ ގިނަ ގަވައިދުތަކެއް ތާރީހުގައި ނިންމާފައި ނުވާ މައްސަލާގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ޒިންމާ އަދާ ނުކުރައްވާ ކަމަށް ގަވާއިދު ކޮމެޓީން ނިންމި މައްސަލަ އަނބުރާ ކޮމެޓީއަށް ފޮނުވުމަށް މަޖިލީހުން ނިންމައިފިއެވެ.

މިރޭ ކުރިޔަށްދިޔަ މަޖިލިސް ޖަލްސާގައި އެ ރިޕޯޓު އަނބުރާ ކޮމެޓީއަށް ފޮނުވާލީ 67 މެންބަރުންގެ ވޯޓުންނެވެ. ރިޕޯޓު އަނބުރާ ކޮމެޓީއަށް ފޮނުވާލީ މިނިސްޓަރު ޒަހާ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެ ސިޓީގައި މަސްވެރިކަމާ ބެހޭ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމުމަށް ބަޔާންކޮށްފައިވާ ޤަވާއިދުތައް ހަދައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެ ސިޓީގައި މިނިސްޓަރ ޒަހާ ވިދާޅުވެފައި ވަނީ، މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަން ޖެހޭ ޤަވާއިދުތައް ހަދައި މިދިޔަ މޭއި މަހުގެ 31 ވަނަ ދުވަހު އޭޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި މެނޭޖްމެންޓް ޕްލޭންތައް ހެދުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ޤާނޫނުގެ ދަށުން ލިބިދޭއިރު، އެ މުއްދަތު އަންނަ ސެޕްޓެމްބަރު ހަމަވުމުގެ ކުރިން ޕްލޭންތައް ނިންމޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ދުވަހަށް ނިންމާފައި ނުވާތީ އެ މައްސަލަ ދިރާސާ ކުރުމަށްފަހު ގަވާއިދު ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ މަސްވެރިކަމުގެ ގާނޫނުގައި ލާޒިމް ކޮށްފައިވާ ގަވާއިދުތައް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ނިމިފައި ނުވާކަން އެ ކޮމެޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ގާނޫނެއްގައި ވަކި ގޮތަކަށް އަމަލު ކުރަންވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ނަމަ އެއީ ގާނޫނުން އުފައްދާ ބަރީއަވުމެއް ނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއް ކަމަށް ބަލަންވާނެ ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގެ 37ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ފިޝަރީޒް މިނިސްޓްރީއާ މަސްވެރިކަމުގެ ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތެއް އަދާ ނުކުރުމުގެ ސަބަބުން އެ މުއްދަތު ފަހަނައަޅާ ދިއުމަށްފަހުން މިއަދާއި ހަމައަށްވެސް އެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާކަމުގެ ސަބަބުން އެ މިނިސްޓްރީ ގާނޫނާއި ހިލާފުވެފައިވާ ކަމަށް ކޮމެޓީއަށް ގަބޫލުކުރެވޭ ކަމަށާއި ފިޝަރީޒް މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައި ނުވާކަމަށް ކޮމެޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

މިނިސްޓަރު ޒަހާ ޒިންމާ އަދާ ކުރައްވާފައިވާ ނުވާ ކަމަށް ކޮމެޓީން ނިންމާފައިވާއިރު މަޖިލިސް ތަޅުމުގައިު މިނިސްޓަރު ޒަހާގެ އިސްތިއުފާ އަށް ވެސް އެތައް ދުވަހަކު ވަނީ ގޮވާލައިފައެވެ. އަދި މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ހެދިފައި ނުވާތީ މެންބަރުންގެ ކަންބޮޑުވުންތައް ހުރެގެން މީގެކުރިން ޒަހާ ވަނީ މަޖިލީހަށް ވެސް ހާޒިރުކޮށްފައެވެ.

މި މައްސަލާގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޖަލްސާއެއްގައި އެމްޑީޕީ މެންބަރުން ވަނީ މިނިސްޓަރު ޒަހާގެ އިސްތިއުފާ އަށް ގޮވާފައެވެ. އަދި މިނިސްޓަރު ޒަހާ އެކަމަނާގެ ޒިންމާ އަދާ ނުކުރައްވާ ކަމަށާއި އިސްތިއުފާ ނުދެއްވައިފި ނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެންވެސް ޒަހާ މަގާމުން ވަކި ކުރައްވާނެ ކަމުގެ އިންޒާރު ބައެއް މެންބަރުން ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދުންތަރި

    އަނބުރާ ރިޕޯޓު ފޮނުވާލީ މިރޭގެ ވޯޓަށް ޖެހިމަޅިއެއް ހުރިހާކަމެއް ކުރަމުންދިޔަކަމަށްވިއަސް ޒަހާ ވަކިކުރާން އެމްޑިޕީގަ އެމަޤާމުދޭން މީހަކު ތައްޔާރުކޮށްފަ ހުރީ ޤާނޫނު އަސާސީ މޮޑެންވެގެން މިރޭ ވޯޓު ހޯދާނެ މަގެއް އެކޮށީ އެމްޑިޕީގެ މަކަރުވެރި 19 ގެ ސިޔާސަތަކީ މަކަރާހީލަތްހެދުމާ އޮޅުވާލުން

  2. ސަމީ

    މި ރޭގެ ވޯޓަށް ތައްޔާރ ރުވަނީ ތަ . ހާދަ ފިނޑި ބައެއް