މަސްވެރިކަމާ ބެހޭ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމުމަށް ބަޔާންކޮށްފައިވާ ގިނަ ގަވައިދުތަކެއް ގާނުނުގައި ބުނެފައިވާ ތާރީހުގައި ނިންމާފައި ނުވާ މައްސަލާގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ޒިންމާ އަދާ ނުކުރައްވާ ކަމަށް ގަވާއިދު ކޮމެޓީން ނިންމި މައްސަލަ އަނބުރާ ކޮމެޓީއަށް ފޮނުވަން ނިންމުމާއި މެދު ނެގި ވޯޓުގައި، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއި އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ބައިވެރިވެވަޑައި ނުގަންނަވައެވެ.

މި ދެ މެމްބަރުން މިރޭ ނެގި ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވާ ތަޅުމުން ބޭރަށް ނުކުމެވަޑައިގަންނަވާފައި ވާއިރު، މީގެ ކުރިން ރާއި ވަނީ ޒަހާ އިސްތިއުފާ ނުދެއްވައިފި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވާ، އޭނާ މަޤާމުން ދުރުކުރާނެ ކަމަށް އިންޒާރުދެއްވާފައެވެ.

ޚިޔާލް ތަފާތުވި ނަމަވެސް، އެމްޑީޕީގެ ގިނަ މެމްބަރުން އާއްމުކޮށް ވޯޓު ދެއްވަނީ ޕާޓީގެ ރޫހާއި އެއްގޮތަށެވެ. ޒަހާ ޒިންމާ އަދާ ނުކުރައްވާ ކަމަށް ނިންމެވި ވޯޓު އަނބުރާ ފޮނުވާލަން ނެގި ވޯޓުގައި ބައިވެރިވެ ނުލެއްވީ ކޮން ސަބަބަކާއި ހުރެކަން އެ ދެ މެމްބަރުން ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.

މިރޭ ކުރިޔަށްދިޔަ މަޖިލިސް ޖަލްސާގައި އެ ރިޕޯޓު އަނބުރާ ކޮމެޓީއަށް ފޮނުވާލީ 69 މެންބަރުންގެ ވޯޓުންނެވެ. ރިޕޯޓު އަނބުރާ ކޮމެޓީއަށް ފޮނުވާލީ މިނިސްޓަރު ޒަހާ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެ ސިޓީގައި މަސްވެރިކަމާ ބެހޭ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމުމަށް ބަޔާންކޮށްފައިވާ ޤަވާއިދުތައް ހަދައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ޒަހާ ވަނީ ފާހަގަކުރައްވާފައެވެ.

ރާއި މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރ ޒަހާއަށް މަސްވެރިންނާއި މެމްބަރުންގެ ކަންބޮޑުވުން އެނގުމުން އުފާކުރައްވާ ކަމަށެވެ.

ރާއި އާއި ޔާސިރު ފިޔަވާ އެހެން ހުރިހާ މެމްބަރުން އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވަން ވޯޓުދެއްވި ނަމަވެސް، އެމްޑީޕީގެ ގިނަ މެމްބަރުން މީގެ ކުރިން ވާހަކަދެއްކެވީ ޒަހާ އަށް ފާޑު ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު