ރައްޔިތުންގެ މަޖިލީހުގައި މިރޭ ކުރިޔަށްދާ ޖަލްސާގައި، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފިއެވެ.

ޝިޔާމްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފައި ވަނީ ޤަވާއިދަށް ހުރުމަތްތެރިކޮށް ނުހިއްތަވާ ކަމަށް ވިދާޅުވެއެވެ.

މެމްބަރު ޝިޔާމްގެ ނަން މިރޭގެ ޖަލްސާގައި އިއްވާފައި ވަނީ މިރޭ މަޖިލީހުގައި ކުރިޔަށްގެންދަނީ ޤާނޫނު އަސާސީއާއި ޚިލާފަށް ގެންދަވާ ޖަލްސާއެއް ކަމަށް ވިދާޅުވެ، ނުރުހުން ފާޅުކުރައްވަމުން ގެންދަވަނިކޮށެވެ.

މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވަނީ ޝިޔާމް މަޖިލީހުގައި އަޑުގަދަކުރައްވަން ފެށުމާއި ގުޅިގެން މަޖިލީހުގެ ތަޅުމުން ނިކުމެވަޑައިގަތުމަށް ތިން ފަހަރުގެ މަތީން ނަން އިއްވާފައެވެ.

ތިން ފަހަރުވެސް ނަން އިއްވުމުން ޝިޔާމް ތަޅުމުން ވަޑައިނުގަތުމުން މެމްބަރު މަޖިލީހުން ބޭރުކޮށްފައި ވަނީ އެމްޑީޕީގެ މެމްބަރުންނެވެ. އެމްޑީޕީ މެމްބަރުން ޝިޔާމް ބޭރުކޮށްލީ އެޗްޕީއޭއިން މަޖިލީސް ހިންގުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ޤަވާއިދުގައި، ގައިދުރުކޮށް ތިބުމަށް އަންގާވައިވާ އެންގުމާއި ޚިލާފުވާ ގޮތަށެވެ.

މަޖިލީހުގެ ޖަލްސާތައް މެދުކެނޑިފައި އޮތުމަށްފަހު ޖަލްސާތައް ބާއްވަން ފަށާފައި ވަނީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ ވަކި އުސޫލުތަކެއްގެ ދަށުން ޖަލްސާތައް ކުރިޔަށް ގެންދިއުމަށް ހުއްދަ ދީފައި ވަނިކޮށެވެ.