ޤާނޫނު އަސާސީ އިސްލާހުކޮށް، ކައުންސިލް މެމްބަރުންގެ ދައުރު ދިގުދަންމާލުމާއި މެދު ގޮތެއް ނިންމުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި މަސައްކަތްތަކަށް އެޓާނީ ޖެނެރަ، އިބްރާހިމް ރިފްއަތު ޝުކުރު އަދާކުރައްވައިފިއެވެ.

މަޖިލީހުގެ މެމްބަރުންނަށް އޭޖީ ރިފްއަތު ޝުކުރު އަދާކުރައްވާފައި ވަނީ، ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމަށް މިރޭ ބޭއްވި ޖަލްސާއިން ފާސްކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި އޭޖީ ރިފްއަތު ވިދާޅުވީ، ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިޞްލާޙު ގެނެސް، ލާމަރުކަޒީ ނިޒާމު މެދުކެނޑުމެއްނެތި ދެމެހެއްޓުމަށް މަޖިލީހުގެ މެމްބަރުން ކޮށްދެއްވި މަސައްކަތްފުޅަށް ޝުކުރު ދަންނަވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭގޮތް ނުވުމުން، މިހާރު މަޤާމުތަކުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު ދިގުދަންމާލައި ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްފައި ވަނީ، މިރޭ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 74 މެމްބަރުންގެ އިއްތިފާޤުންނެވެ.

ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް މިރޭގެ ޖަލްސާގައި ވޯޓުދެއްވާފައި ވަނީ، ވެރިކަންކުރާ އެމްޑީޕީގެ މެމްބަރުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުންނާއި މިނިވަން ބައެއް މެމްބަރުންނެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އެއްވެސް މެންބަރަކު މި ވޯޓުގައި ބައިވެރިވެ ވަޑައިގެންފައި ނުވެއެވެ.

މަޖިލީހުގެ ކޮމެޓީން ބިލު ދިރާސާ ކުރުމަށްފަހު، އެ ބިލްގެ އެއް ވަނަ މާއްދާ އުނި ކުރުމަށްފަހު ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް ދެ އަކުރު އިތުރުކުރުމަށް ވަނީ ފާސްކޮށްފައެވެ. މި ދެ ހުށަހެޅުން ވެސް ހުށަހަޅާފައިވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

ރާއްޖޭގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމު ކުރެވި އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ބޭތިއްބުމަށް ޤާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައި ސަރުކާރުން މަޖިލީހަށް ބިލް ފޮނުވާފައި ވަނީ މިދިޔަ މާރިޗު މަހުގެ 31 ވަނަ ދުވަހުއެވެ.

2017 ގައި އިންތިހާބު ކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ދައުރު ހަމަވާނީ މާދަމާ ރޭ 00:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިސްމާޢީލް

    ރިއްފަތު ކަލެއަކީވެސް މިރޭ މަޖިލީހުގެ ތަޅުމުގޢި ތިހިންގި މާރާމާރީގެ ބައިވެރިއެއް އޭގެ ހިތި ފެންނާނެ.

    12
  2. ބެއްޔާ

    ފުލް މެޖޯރިޓީ އެކަމަކުވެސް ނުވެވިދަނެތީ ބިރުން ފިތް ކެނޑިފަ. އެހެންވެ ޝުކުރާއި ޘަނާތިކިޔެނީ. ހިނިއަންނަނީ

    14
  3. ރަބަރޭ

    އަނިޔާވެރިކަމަށް ހިތްވަރު ދިނުމަކީ ދީންމުގުރާތީ ނިޒާމުގެ ސިފަޔެއް ދެއްތޯ

  4. ާއަފްލާ

    ޢޭޖީ ކަލޭވެސް ހަނދާން ކުރާތި

  5. ފާއިޒު

    މެންބަރެއްގައި ތަޅައި ފޮޅައި ހެދި ހެދުމަށް ބަންޑާރަ ނާއިބު ތައުރީފު ކުރައްވައިފި ދޯ