ތިލަފުށީގައި ހިނގި ހަމަނުޖެހުމުގައި 133 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ތިލަފުށީގައި ހަމަނުޖެހުން ހިންގާފައި ވަނީ އެރަށުގައި ތިބި އައިމާ ކޮންސްޓްރަކްޝަންގެ ބިދޭސީންނާއި ފުލުހުންގެ މެދުގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތިލަފުށީގައި ބިދޭސީންގެ ބަޔަކު ހިންގި ހަމަނުޖެހުމަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި މި ހަމަނުޖެހުންތަކުގައި މިހާތަނަށް 133 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އަދި ދެ ފުލުހަކަށް އެކި ވަރުގެ އަނިޔާތަކަށް ވެފައިވާ ކަމަށް ފުލުހުން މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ރަށުން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ އެ ހަމަނުޖެހުން ހިނގަން މެދުވެރިވީ ބިދޭސީންގެ މުސާރަ އައިމާ ކޮންސްޓްރަކްޝަނުން ނުދޭ ކަމަށް ބުނެ ޝުއޫރު ފާޅުކުރަން ހިންގި ހަރަކާތްތަކަށް ފަހުގައި ކަމަށެވެ. އެގޮތުން އޭގެ ފަހުން އެރަށް ޕެޓްރޯލް ކުރަން އުޅުނު ބައެއް ފުލުހުންނަށް ބިދޭސީންތަކެއް ލަޓިބުރި ފަދަ ތަކެތި ހިފައިގެން އުޅުނު މަންޒަރު ފެނިގެން އެކަން ހުއްޓުވަން އުޅުމުގެ ތެރޭގައި ހަމަނުޖެހުން ހިންގީ ކަމަށް އެރަށުން މައުލޫމާތުދިން މީހަކު ބުންޏެވެ.

އެރަށުގައި މަސައްކަތް ކުރާ އައިމާ ކޮންސްޓްރަކްޝަންގެ ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައެއް ފެންމަތިވެ، މީގެ ކުރިންވެސް އެރަށުގައި ހަމަނުޖެހުންތަކެއް ހިނގާފައި ވެއެވެ.

އެ ބިދޭސީންނަށް މުސާރަ ނުދޭ ކަމަށް ބުނާ ވާހަކަތައް އެ ކުންފުނިން ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކާފަ

    މިހާރު މިމީހުންގެ ކަންތައްވެސް މާބޮޑުވަނީ.. ދުވަސްކޮޅަކުން ވެރިކަން ހޯދަންކަންނޭނގެ މުޒާހަރާކުރާނީ..

    10
  2. މުއުމިނާ

    ހެޔޮނުވާނެ ތި ބައިގަނޑު މިރާއްޖެއިން ފޮނުވާލަ ބަލަ

  3. މޮޔަބެ

    މިއީ އަދި ކުޑަކަމެއް، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ހުރި ނުރައްކަލެއް..ރާއްޖޭގައިވާ ބަންގްލާދޭޝީ ހިންގާ ހޮޓާތަކާއި ރެސްޓރަންޓްތަކާއި ގެސްޓްހައުސް އަދި ފިހާރަތައް ހޯދާ، އެފަދަ ސްޕޮންސަރކުރާ ދިވެހިންނަށް ފިޔަވަޅު އެޅުމަށް ގަވާއިދެއް ހަދާ މިކަން ހުއްޓުވަންޖެހޭ.ކޮންސްޓްރަކްޝަން އަމިއްލަ ގުރޫޕުތަކުން ކުރުމާއި ޑުރަގް ޑީލްގައި މިފަދަ މީހުންއުޅޭ...މިއީ ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލެއް....

    15
  4. ސޯކާބެ

    ތިޔައީ ފެށުން މީގެ އެންމެ ހިތި ތަޖްރިބާ އުފުލަންޖެހޭނީ ކާފަދަރިން މީއެދިގުރާސްތާ 30 އަހަރު ރާވައިގެން ހިންގި ޖަރީމާއެއްގެ ދަށުން އިނދި އޮށުގެ މޭވާ ދޭތެރެ ދުރުކޮއް 3 ޖީލް ނައްތާލާ އާބާދީ މަދުކޮއްލީ ގިނަދުވަހު ވެރިކަމުގަ ހުންނަން އެކަމެއް ނުވި މާތް ﷲ އިރާދަފުޅުން އެނިމުނީ އެކަމަކު މިއަދުވެސް މުސާރަޔާ ހުނނާގެއްގެ ޙަރަދާއި އެނަގަނީ ނިކަމެތި ރައޔިތުން ކުރާމަސައްކަތުން ގާނޫނެއްގެ ހިޔަލުން ނަގާ ޖިޒީގެ ރުފިޔާއިން ލަދެއް ނެއް ބަޔަކު ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނޭ ވިދާޅުވާ ހަދީސް އެއް އަޑުއަހަން

    11
  5. މުހައްމަދު

    ބިދޭސީންނަށް ތިހާލު ޖެއްސި ކުންފުނީގެ އިހްމާލެއް ވާނެބާ! ނުވަތަ ލާރިނުދީ ރާއްޖޭގެ މަގުތަކަށް ދޫކޮށްލާނީބާ! ބިދޭސީން މައްސަލަ ބޮޑުވެ ގައުމު ހަރާބުކުރާއިރު ބޮޑުން މިކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ނުކުރަނީ ކީއްވެބާ! ޔޫސޭގެ ޑްރާމާތަކުގައި ދައްކާ ވާހަކަ ޙަޤީޤަތަކަށް ނުވާނެބާ! ވިސްނާ ދަރިންނޭ ވިސްނާ