ޔަމަނުގައި ގިނަ ބަޔަކު ހާލުގައި ޖެހިފައިވާ މައްސަލައިން އަރައިގަތުމަށް ބައިނަލްއަގުވާމީ އެއްބާރުލުން މުހިންމު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ޔަމަން މިހާރު އޮތް ހާލަތުން އަރައިގަތުމަށް ބޭނުންވާ އެހީ ހޯދުމާ ބެހޭ މަތީ ފަންތީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގެދޮރު ގެއްލުމާއި ބަނޑުހައިހޫނުކަން ތަހަންމަލުކުރުން އާންމު ކަމަކަށް ވެފައިވާކަން ފާހަގަ ކުރައްވައިފައެވެ. އަދި މިކަމުން އަރައިގަތުމަށް ހަމަނުޖެހުންތައް ހުއްޓާލަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މެދުއިރުމަތީގެ އެއްބައިވަންތަކަމާއި ހަމަޖެހުމާއި އިސްލާމީ އުންމަތް އެއްބައިވަންތަ ކުރުމަކީ ގުޅިފައިވާ ކަންކަން ކަމަށާއި، ޔަމަނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން ޔަމަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ ޔަމަނުގައި ބައިނަލްއަގްވާމީ އިންސާނީ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ކޮންމެފަދަ ހާލަތެއްގައި އެ އެހީ ހުއްޓުމެއް ނެތި ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެހެން ޖެހޭ ކަމަށެވެ.

ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވި މި ބައްދަލުވުން އިންތިޒާމް ކުރެއްވީ ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލްސައޫދު އާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ފަރާތްޕުޅުން އދގެ ހިއުމެނިޓޭރިއަން އެފެއަޒް އާއި ބެހޭ އަންޑަ ސެކްރެޓަރީ ޖެނެރަލް އަދި އިމަޖަންސީ ރިލީފް ކޯޑިނޭޓަރު މާކް ލޯކޮކްއެވެ. ޔަމަނުގެ ހާލަތު ބަޔާންކޮށް، އެގައުމަށް ބައިނަލްއަގްވާމީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ބޭއްވި މި ބައްދަލުވުމުގައި އދ.ގެ މެމްބަރު ގިނަ ގައުމުތަކަކުން ވަނީ ޔަމަނަށް އެހީތެރިކަން ދިނުމަށް ވައުދު ވެފައެވެ.

މެދު އިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ޔަމަނުގައި މިހާރު ހާލުގައި ޖެހިފައި 24 މިލިއަން މީހުން އެބަތިއްބެވެ. މިއީ މުޅި ދުނިޔޭގެ ނިސްބަތުން ވެސް ހާލުގައި ޖެހިފައިވާ މީހުން އެންމެ ގިނަ ގައުމުކަން ފާހަގަކޮށްލެވެއެވެ. މުޅި ޔަމަނުގެ 80 އިންސައްތަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.

ޔަމަނުގައި ހާލުގައި ޖެހިފައިވާ 24 މިލިއަން މީހުންގެ ތެރެއިން 12 މިލިއަން މީހުންނަކީ ކުޑަކުދިންނެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާ ޖަމާތްތަކުންނާއި، އިސްލާމީ ގިނަ ގައުމުތަކަކުން ދަނީ އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.