ފުލުހުންގެ މަސައްކަތާ ގުޅޭ ގޮތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) އިންޓަޕޯލްއަށް މައުލޫމާތު ދެއްވައިފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޮންލައިންކޮށް ބޭއްވި އިންޓަޕޯލްގެ ބައްދަލުވުމަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ފުލުހުންގެ އިދާރާތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އެ ބައްދަލުވުމުގައި އިންޓަޕޯލްގެ އެޗްކިއުގެ އިސް ފަރާތްތައް ކަމަށްވާ ސެކްރެޓަރީ ޖެނެރަލް ޖަގެން ސްޓޮކް އާއި ރާއްޖޭގަައި ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރާ މަސައްކަތާއި މެދު މައުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ފުލުހުން ކުރާ މަސައްކަތްތަކާއި ރާވާއިގެން ހިންގާ ކުށްތަކާއި ކުށުގެ ނުރައްކާ އޮތް މިންވަރާއި މެދު މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދާދި ފަހުން ފުލުހުން ވަނީ ކަރަންޓު ޝޮކް ދޭ ބަޑި ބޭނުންކުރަން ފެށުމަށް ތައްޔާރުވެފައެވެ.

ދައުލަތުގެ މީޑިއާއަށް މީގެ ދުވަސްކޮޅެއް ކުރިން ދެއްވި ބަސްތީގަތުމެއްގައި ސީޕީ ވިދާޅުވީ، ރައްޔިތުންނަށް ފުލުހުން ޚިދުމަތްކުރާ އިރު ކުށްތައް އާލާވެ، އެ ކުށްތަކުގެ ނުރައްކާތެރިކަން އިތުރުވަމުން އަންނަ އައުމާ އެކު، ކުށް ކުރާ މީހުންގެ އަނިޔާވެރިކަމަށް ބަލައި ކަރަންޓު ޝޮކްދޭ ބަޑި ބޭނުންކުރަން ޖެހޭ ހާލަތެއް އަތުވެދާނެ ކަމަށެވެ.

ސީޕީ ވިދާޅުވީ، މުޖުތަމައުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިއީ މުހިންމު ވަސީލަތެއް ކަމަށާއި، އެހެންކަމުން މި ވަސީލަތް ބޭނުންކުރުމުގެ ވިސްނުން ހުރި ކަމަށެވެ. ފުލުހުންގެ މުއައްސަސާ ހަރުދަނާ ވެގެންދާއިރު ފުލުހުންނަށް ލިބެންޖެހޭ ވަސީލަތްތައްވެސް ފުރިހަމަވާން ޖެހޭ ކަމަށާއި، ފުލުހުން ޕްރޮފެޝަނަލައިޒް ކުރެވޭނީ އިތުރު ތަރައްގީތަކެއް ލިބުމުން ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ، ކަރަންޓް ޝޮކް ދޭ ބަޑި ދެވޭނީ، އެ ހަތިޔާރު ބޭނުންކުރުމަށް ހާއްސަ ތަމްރީނުތައް ލިބިފައިވާ ފުލުހުންނަށް އެކަނި ކަމަށެވެ. އަދި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރާ ފުލުހުންނާއި މެދު ކުރިންވެސް ފިޔަވަޅު އަޅަމުންދާ ފަދައިން ފިޔަވަޅު އަޅާނެ ކަން ސީޕީ ވަނީ ފާހަގަކުރައްވައިފައެވެ.

ފުލުހުންނަށް އިތުބާރު ހޯދާ ފުލުހުންގެ ނިޒާމް ވަރުގަދަކުަން މަސައްކަތް ކުރައްވާކަމަށް ސީޕީ ހަމީދު އަބަދުވެސް ވިދާޅުވެއެވެ.

.