ގުޅީފަޅު ހިއްކަމުގެ މަޝްރޫއުއާ ގުޅިގެން ވިލިމާލެ ފަރަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ކަމަށްބުނެ ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުގެ އިސްވެރިން މަޖލީހުގެ ކޮމެޓީއަށް ހާޒިރުންކުރަން ނިންމައިފިއެވެ.

މި މައްސަލައަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. ހާއްސަކޮށް ތިމާވެއްޓާއި ގުޅުންހުރި ޖަމިއްޔާތަކުންނެވެ. އެހެންކަމުން މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ވަނީ އެންވަޔަރަމެންޓް މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިސްވެރިން މަޖލީހުގެ ކޮމެޓީއަށް ހާޒިރުންކުރަން ނިންމާފައެވެ.

މިކަމާއި ގުޅިގެން ރައްޔިތުން މަޖިލީހުން ބުނީ އަންނަ ހޮނިހިރު ދުވަހު ކަމާގުޅުންހުރި އިދާރާތަކުގެ އިސްވެރިން މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އަށް ހާޒިރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ގުޅީފަޅުގެ ސަބަބުން ވިލިމާލެ މޫދު ސަރަހައްދަށް ގެއްލުން ވެފައިވޭތޯ ބަލަން އީޕީއޭއިން ތަހުލީލުތަކެއް ހަދާފައި ވާއިރު، އެ ތަހުލީލުތަކުން އެ ސަރަހައްދުގެ ފަރުތަކާއި މަސްތަކަށް ގެއްލުން ވެފައިވާކަން ފާހަގަ ނުކުރެވޭކަމަށް އީޕީއޭއިން ބުނެއެވެ.

ގުޅީފަޅު ހިއްކުމުން ތިމާވެއްޓަށް ގެއްލުން ލިބޭ ކަމަށް ބުނެ މަދަނީ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީކުރުމުގެ ގޮތުން އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން އެތަނުގެ ވަށައިގެންވާ ފަރުތަކަށް ބޮޑެތި ގެއްލުން ވަމުންދާކަމަށް ބުނެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްއިން ރައްޔިތުންގެ މަޖިލީހާއި ކަމާއި ގުޅޭ އެހެނިހެން އިދާރާތަކަށް ވަނީ ގޮވާލާފައެވެ.

ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދާއިރު ތިމާވެއްޓަށް ކުރާނެ އަސަރު ގެނެގަތުމަށް ހެދި އީއައިއޭ ރިޕޯޓުގައިވާ ގޮތުން، ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ އިރު ވެލި ކަނޑަށް ފެތުރިޔަ ނުދިނުމަށް ފިޔަވަޅުތަކެއް އަޅާނެކަން ޕްލޭނިން މިނިސްޓްރީން ފާހަގަކުރައްވާފައިވާ ކަމަށާއި އެ ފިޔަވަޅުތައް އަޅާތޯ ގާތުން ބަލަމުންދާ ކަމަށް އީޕިއޭއިން ބުނެއެވެ.