މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އދ.ގެ ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) އިން ރާއްޖެއަށް ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކޮށް ޓެލިކްލާސްތައް ނަގައިދޭން ފެށުމާ އެކު ދިމާވަމުން އައި ދަތިތައް ހައްލުކޮށްދިނުމަށް ނެޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަނުގައި ސްޓޫޑިއޯ އެއް ގާއިމްކޮށް އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ. އަދި ޓީޗަރުންނަށް ބޭނުންވާ ތަމްރީންތައް ފޯރުކޮށްދިނުމަށް ޔުނިސެފުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިހާރު ވެސް، ޓީޗަރުންނަށް ބޭނުންވާ އޮންލައިން ތަމްރީން ޕްރޮގްރާމެއް ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން މިހާރު ދިމާވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ތައުލީމީ ދާއިރާއަށް ދިމާވަމުން އަންނަ ގެއްލުންތައް ބަލައި ދިރާސާކުރުމުގެ މަސައްކަތް ކުރާނެ ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތް ވެސް އެ ޖަމިއްޔާއިން ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އަދި ޓީޗަރުންނާއި ދަރިވަރުންނަށް ދިމާވާ ނަފްސާނީ މައްސަލަތައް ހައްލުކޮށްދިނުމަށް ވެސް އެ ޖަމިއްޔާއިން މަސައްްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.