ސިވިލް ކޯޓުގެ ޝަރީއަތްތައްވެސް އޮންލައިންކޮށް ކުރިޔަށް ގެންދިއުމަށް ނިންމާ އެކަމާބެހޭ އުސޫލު އެކުލަވާލައިފިއެވެ.

"ސިވިލް ކޯޓުގައި މައްސަލަތައް ދުރުން ހިންގުމާއި ހިދުމަތްތައް ދިނުމުގައި އަމަލު ކުރާނެގޮތުގެ އުސޫލު"ގެ ނަމުގައި އެކުލަވާލާފައިވާ މި އުސޫލުގައިވާ ގޮތުން ޝަރީއަތްތައް ކުރިޔަށް ގެންދާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ސިވިލް ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާއިރު ޝަރީއަތްތައް ކުރިޔަށް ގެންދާނީ ވަޓްސްއެޕާއި ވައިބާގެ އިތުރުން މައިކްރޮސޮފްޓް އޮފީސް ޓީމްސް އަދި ސްކައިޕް މެދުވެރިކޮށެވެ. މީގެއިތުރުން ބަޔާންތައް ބަދަލުކޮށްގެން ވެސް ޝަރީއަތްތައް ކުރިޔަށް ގެންދެވޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެ މައްސަލަ އެންމެ ފުރަތަމަ ގެންދާ ޑިސްޕިއުޓު ރިޒޮލިއުޝަން މަރުހަލާވެސް ކުރިޔަށް ގެންދާނީ އޮންލައިންކޮށް ކަމަށް ސިވިލް ކޯޓުގެ އޮންލައިންކޮށް ޝަރީއަތްތައް ކުރިޔަށް ގެންދިއުމާއި ބެހޭ އުސޫލުގައި ބުނެފައިވެއެވެ. ޝަރީއަތަށް މީހުން ހާޒިރުވުމަށް އަންގާފައިވާ ވަގުތަށް ހާޒިރުވި ކަމަށް ބަލަނީ ކޯޓު އަމުރުގައިވާ ގަޑިއަށް އޮންލައިން ޕްލެޓް ފޯމަށް ލޮގިންވުމުންނެވެ.

ބަޔާން ބަދަލުކުރާ އުސޫލު ޝަރީއަތްތައް ހިންގާނީ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ބަޔާންތައް ދެ ފަރާތުން ބަދަލު ކުރުމުގެ މަރުހަލާ ނިމުމުން އެ ލިޔުންތަކުގެ މައްޗަށް ބިނާކޮށް ހުކުމް ކުރާ ގޮތަށެވެ. އެ މަރުހަލާގައިވެސް އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދެވިދާނެ ކަމަށް އުސޫލުގައިވެއެވެ. އަޑުއެހުމަށްފަހު ހުކުމް ދެ ފަރާތަށް ވެސް އީމެއިލް މެދުވެރިކޮށް ލިބެން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އޮންލައިންކޮށް ޝަރީއަތް ކުރިއަށް ދާއިރު، މީޑިއާތަކަށް ޝަރީއަތުގައި ބައިވެރިިވުމުގެ ފުރުސަތު ލިބިގެންދެއެވެ. ނަމަވެސް އެއީ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގައެވެ. އެފަދަ އަޑުއެހުމަކަށް މީޑިއާއަކަށް ފުރުސަތު ދިން ނަމަވެސް އެ އަޑުއެހުމެއް ރިކޯޑު ކުރުމާއި ބްރޯޑްކާސްޓު ކުރެވޭނީ ހުއްދަ ލިބިގެންނެވެ.

ސިވިލް ކޯޓުގެ އިތުރުން ސުޕްރީމް ކޯޓުންވެސް މިހާރު އަންނަނީ އޮންލައިންކޮށް ޝަރީއަތްތައް ކުރިޔަށް ގެންދަމުންނެވެ.