ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދޭ "އިންކަމް ސަޕޯޓް އެލަވަންސް" 255 މީހަކަށް ދީފިއެވެ.

ފިނޭންސް މިނިސްޓްރީން "ވަގުތު"އަށް މިއަދު ހިއްސާކުރި މައުލޫމާތުގައިވާ ގޮތުގައި ޖުމްލަ 255 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސް ދީފައިވާއިރު އެ ފަރާތްތަކަށް ޖުމްލަ 1.06 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. މި އެލަވަންސް ދެނީ ފިނޭންސް މިނިސްޓްރީއާ އެންސްޕާއާ ގުޅިގެންނެވެ.

ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިނުމަށް ނިންމާފައި ވަނީ 5000 ރުފިޔާ އެވެ.

މިއީ އޭޕްރީލް، މޭ އަދި ޖޫން މަހަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެއް ކަމަށާއި، އެލަވަންސް ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން ދޭނެ އެވެ.

ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވާ ފަރާތަކާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް މިއުސޫލުގެ ދަށުން އެލަވަންސް ލިބޭނީ މާޗް މަހުގެ 01 ވަނަ ދުވަހާއި ހަމައަށް ވަޒީފާގައި ހުރިނަމައެވެ. އޭގެ އިތުރުން އެލަވަންސް ލިބޭނީ ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވުމުން ކަމަށް ވެސް އުސޫލުގައި ވެއެވެ.

"އިންކަމް ސަޕޯޓް އެލަވަންސް"ގެ އުސޫލުގައި ބުނެފައިވަނީ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުޤުވެރިކަން ހުރި، އަދި ސަރުކާރުގެ ޖޮބް ސެންޓަރ މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ ފަރާތަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ވެސް އެއްބަސްވާން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް މިއުސޫލުގެ ދަށުން ހަމަޖެހިފައި ވެއެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ކަމަށް އުސޫލުގައި ބުނެފައި ވަނީ މިނިވަން ކޮންޓްރެކްޓަރުންނާއި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ފަންނާނުންނާއި، އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް ފަރާތްތަކެވެ.

އެލަވަންސް ހޯދުމުގެ ބޭނުމުގައި ދޮގު މައުލޫމާތެއް ދީފިނަމަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 520 ވަނަ މާއްދާ ނުވަތަ 521 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ކުރަންޖެހޭ ޖިނާއީ ތަޙުޤީޤު ކުރުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އުސޫލުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ×ބާތީ

    ޕފަންޑުގަހުރިއަޅުގަނޑުގެއަމިއްލަފައިސާ
    ދިނުމައްއަޅުގަނޑުމިއެދެނީއަޅުގަނޑުވެސް
    ހާލުގައިޖެިފައިވާތީ،އަޅުގަނޑުގެގޭގެފުރާޅުން
    ވާރޭވެހޭތީ

  2. ރިސޯޓް ބޯއީ

    ކޮބާތޯ ރިސޯޓް ކުދިންގެ ހައްގުތައް؟ ޕްރައިވެޓް ކުންފުނިތަކުގައި މަސައްކަތް ކުރާތީ މުސާރަ ނުލިބުމަކީ ރިސޯޓް ކުދިން އަމިއްލަޔައަށް ކުރާ ކަމެއްތޯ؟ ކޮން ކަމެއް ކޮށްގެންތޯ ރިސޯޓް ކުދިންނަށް މުސާރަ ނުލިބޭންވީ؟ މިސަރުކާރަށް ވޯޓުއެޅީތީވެ ތޯ؟ ރިސޯޓް ކުދިންނަކީ އަޅުންތޯ؟

    12
  3. އިކުރާމް

    ޕެންޝަންފަންޑުގައިހުރިިއަޅުގަނޑުގެ
    ފައިސާއިންމުދަލުޒަކާތްއަޅުގަނޑުމައް
    ޗައްވާޖިބުވެފައިވާތީއެވާހަކަދެންނެވީ