ކޮވިޑް-19 އާއި ގުޅިގެން އޮންލައިންކޮށް ކުއްލި ފަރުވާއަށް 78 މީހެއް ތަމްރީންކޮށްފައިވާ ކަމަށް އައިޖީއެމްއެޗްގެ ޑރ.މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު އަލީ ވިދާޅުވީ އެކި ގޮތްގޮތުން ތަމްރީން ކުރެވުނު މީހުންގެ އަދަދު 600 އަށް އަރާފައިވާ ކަމަށެވެ.

" ހަނދުމަފުޅު ބަހައްޓަވަން ވާނެ ހަމައެކަނި އޮންލައިންކޮށް ޓްރެއިންކޮށް ގެންގޮސްގެން ފުލް ޓްރެއިނިން އެއް ނުލިބިދާނެ. ނަމަވެސް ކޮންމެވެސް ވަރެއްގެ ކޮންފިޑެންސެއް ޓްރިއިނިންގައި ބައިވެރިވާ މީހުންނަށް ލިބިގެންދާނެ. އޭގެ ކުރިންް ހަތް ދުވަހުގެ މުއްދަތަށް އިން ހައުސް ޓްރެއިނިންއެއް. އެއީ އަތޮޅުތެރޭގެ އެކި ރަށްތަކުން ގާތްގަނޑަކަށް 11 މީހެއް،" ޑރ. މުހައްމަދު އަލީ ވިދާޅުވިއެެވެ.

އައިޖީއެމްއެޗްގެ ޑރ.މޫސާ ހުސެއިން ވިދާޅުވީ ރާއްޖޭގައި ކްރިޓިކަލް ކެއަ ނުވަތަ ކުއްލި ފަރުވާ ދިނުމަށް ހަރަކާތްތެރިވާ މީހުންނާއި އެ ދާއިރާއިން ލިބެން ހުރި ވަސީލަތްތައް ވެސް މަދު ކަމަށެވެ.

އަދި ކޮވިޑް-19އަކީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް ދިމާވެފައިވާ ކަމަކަށްވާތީ ދުނިޔޭގެ އެހެން ހިސާބަކުން ޚާއްސަ ބަޔަކު ގެނެސްގެން ފަރުވާ ދެވެން ނެތްކަން ޑރ.މޫސަ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށްވީ އަޅުގަނޑުމެންގެ ޑޮކްޓަރުން ރާއްޖޭގައި ހުރި ޑޮކްޓަރުން މިކަންތަކަށް ޓްރެއިންކުރުން. މިގޮތުން އަޅުގަނޑުމެންގެ ހުރިހާ ފަންތީގެ ޑޮކްޓަރުން އެއީ ނަފްސާނީ ޑޮކްޓަރަކަށް ވިޔަސް، ލޮލުގެ ޑޮކްޓަރަކަށްވިޔަސް، ކަށީގެ ޑޮކްޓަރަކަށް ވިޔަސް މި ހުރިހާ އެންމެން ގެނެސްގެން އަޅުގަނޑުމެން ބެލީ އެ ބޭފުޅުންނަށް ކްރިޓިކަލް ކެއާ ޓްރައިނިންއެއް ހެދޭތޯ،" ޑރ.މޫސަ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން މީހުން ތަމްރީން ކުރާ އިރު އައިޖީއެމްއެޗް ފިޔަވައި އެހެން ތަންތަނުގައި މާލެ ސަރަހައްދުގައި މަސައްކަތް ކުރާ މީހުންނަށް ތަމްރީންދީފައިވެއެވެ. އެ ތަމްރީންތަކުގައި ކޮވިޑް-19 އެމަޖެންސީ ހާލަތެއްގައި އަމަލުކުރާނެ ގޮތް ވަނީ ބުނެދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑރ. ރާމީ ހަސަން (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ތިޔަ ކުރައްވާ މަސައްކަތް-ޕުޅަށް ވަރަށް ބޮޑަށް ތައުރީފް ހައްޤެވެ.. މާތް ﷲ ބަރަކާތް ލައްވާށިއެވެ !