ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މީސްމީޑިއާގައި ފާޑުކިޔަމުން ގެންދާތީ ހިތަދޫ ޕޯޓްސް ލިމިޓެޑް (އެޗްޕީއެލް) ގެ ވަޒީފާއިން މުވައްޒަފަކު ވަކިކުރި މައްސަލަ ބައްލަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވާ ކަމަށް، ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު، އަދި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީ މޭޔަރުކަމަށް ކުރިމަތިލައްވާ އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

މިކަން ހާމަކުރައްވާ އަލީ ނިޒާރު ވިދާޅުވީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ، ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެއް ކަމަށެވެ. އަދި ޚިޔާލު ފާޅުކޮށްގެން މީހެއްގެ ވަޒީފާއަށް ބިރުދައްކައި ވަޒީފާއިން ވަކި ކުރެވިގެން ނުވާނެ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، އެޗްޕީއެލް އިން ވަކިކޮށްފައިވާ މުވައްޒަފުގެ މައްސަލާގައި ރައީސް ސާލިހު އާއި މަޝްވަރާ ކުރައްވާފައިވާނެ ކަމަށާއި، އެ މައްސަލަ ބައްލަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި ކަމަށެވެ.

"ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްޤެއް. ޚިޔާލު ފާޅުކޮށްގެން މީހެއްގެ ވަޒީއަށް ބިރުދައްކައި ވަޒީފާއިން ވަކި ކުރެވިގެން ނުވާނެ. އެޗް ޕީ އެލް އިން ވަކި ކޮއްފައިވާ މުވައްޒަފުގެ މައްސަލާގައި އަޅުގަޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި މަޝްވަރާ ކޮއްފިން. އެ މައްސަލަ ބައްލަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި." ނިޒާރު ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ސޮއިކުރައްވާ، އެޗްޕީއެލްގެ މުވައްޒަފު ވަޒީފާއިން ވަކިކުރަން ފޮނުވި ޗިޓުގައި ބުނެފައި ވަނީ، މުވައްޒަފު ވަޒީފާ އިން ވަކިކުރީ ރައީސް ޞާލިހާއި، ރައީސް ނަޝީދަށް މީސް މީޑިއާގައި ފާޑުކިޔުމުން ކަމަށެވެ. ނަމަވެސް މި މައްސަލަ ހޫނުވުމުން ޝާހިދު މިރޭ ވިދާޅުވީ އެމުވައްޒަފު ވަޒީފާ އިން ވަކިކުރީ ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓް ޕޮލިސީއާ ހިލާފުވުމުން ކަމަށާއި، މުވައްޒަފަށް ފޮނުވުނު ޗިޓަކީ އިދާރީ "މިސްޓޭކެއް" ކަމަށެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް މުވައްޒަފަކު ފާޅުކުރާ ޚިޔާލެއްގެ ސަބަބުން ވަޒީފާ އިން ވަކިނުކުރާނެ ކަމުގެ ވަޢުދުފުޅާއެކު އެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ވެސް ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށްވާ ފެނަކަ އާއި އެމްޕީއެލް ފަދަ ކުންފުނިތަކުން އެތައް މުވައްޒަފުންނެއް ވަޒީފާ ވަކިކޮށްފައިވެއެވެ. ވަޒީފާ އިން ވަކިކުރި ގިނަ މުވައްޒަފުންނަކީ އެމްޑީޕީގެ ސިޔާސީ ފިކުރާއި ދެކޮޅު މީހުންނެވެ.

އެޗްޕީއެލްގެ މުވައްޒަފު ވަޒީފާ އިން ވަކިކުރި މައްސަލައިގައި ގިނަ ބަޔަކު ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލިބެ

    ރައީސް ތި މާނަކުރަނީ އިބޫއަށް ނަމަ މައްސަލަ ތިއޮތީ ބެލިފަ އެއީ ފޮނި އަނގައެއް

  2. ބަރުއަޑު

    ސްތެލްކޯ ވ އަނިޔާވެރި. ވަރަށް މިކަހަލަ ޖަރީމާ ހިންގާ

  3. ކީކޭ ބުނާނީ

    ޝާހިދު ތިބޭފުޅާޔަށް އެނގިލައްވާނެ ކަންކުރެއްވިގޮތް.
    ތީތި ކަޑައޭ.
    މިހާރު ފާތުމާ އުޅޭހެން ތިއުޅޭނީ.

  4. އައްޔަ---

    ވަރަށްގިނަ މުއައްޒަފުންތަކެއްވަނީ މިސަރުކާރުއައިފަހުން ފިކުރުގެ ތަފާތުހުރެގެން ވަކިކޮށްފަޔޯ، ރައީސް ސާލިހަކީ ދެފުއްދެގޮތް މީހެއް ޤަބޫލެއް ނުކުރެވެއި މީނާ ކެންޕޭނުފެށީކަން ގައިމު

  5. އަހްމަދު

    ރައީސްސޯލިހުގެ ވައުދު އެދަނީ ފުއްދަމުން. އެފަދައެއްވެސްމީހަކު ރައީސްސޯލިހު ވަޒީފާއަކުން ވަތްކެއްނުކުރޭ. ނުވެސްކުރާނެ. ރައީސްސޯލިހު ސޮއިކޮށްފާ ވަޒީފާއިން ވަކިކުރިކަމުގެ ލިޔުމެއްވެސް ދީފައެއްނޯންނާނެ. އެހެންވީމާ ސޯލިހު ވައުދު ނުފުއްދައެކޭ ނުބުނެވޭނެ.