ފާޅުކުރި ހިޔާލެއްގެ ސަބަބުން ހިތަދޫ ޕޯޓްސް ލިމިޓެޑް (އެޗްޕީއެލް) ގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން އަލުން ރުޖޫޢަކުރުމަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ސެކްރެޓަރީ ޖެނެރަ، އަނަސް އަބްދުއްސަތާރު ގޮވާލައިފިއެވެ.

އަނަސް މިގޮތަށް ވިދާޅުވެފައި މިވަނީ، އެޗްޕީއެލްގެ މުވައްޒަފަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މީސްމީޑިއާގައި ފާޑުކިޔަމުންދާތީ ކަމަށް ބުނެ، އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި އަނަސް ވިދާޅުވީ، އެއީ ވަރަށް ހިތާމަވެރި އަދި ގޯސް ނިންމުމެއް ކަމަށެވެ. އެމްޕީއެލްގެ މި ނިންމިން ރުޖޫޢަކުރުމަށް ގޮވާލައި އަނަސް ވިދާޅުވީ، ފާޅުކުރާ ޚިޔާލަކަށް ބަލައިގެން ވަޒީފާއިން ވަކިކުރުމަކީ އެމްޑީޕީގެ ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން ކަންވީގޮތް ބަލައި، މިފަދަ ކަމެއް އޮޅުމަކުން ވެސް ނުހިނގާނެކަން ޔަޤީންކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ވަރަށް ހިތާމަވެރި، އަދި އެހާމެ ގޯސް ނިންމުމެއް! އެމްޕީއެލް އިން މި ނިންމުން ރުޖޫޢަކުރުމަށް ގޮވާލަން! ފާޅުކުރާ ޚިޔާލަށް ބަލައިގެން ވަޒީފާއިން ވަކިކުރުމަކީ އަޅުގަނޑުމެންގެ ގޮތެއް ނޫން. ކަންވީގޮތް ބަލާ، މިކަހަލަ ކަމެއް ދުވަހެއްގައިވެސް، އޮޅުމަކުންވެސް ނުހިނގާނެކަން ޔަޤީންކުރަން ޖެހޭ،" އަނަސް ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ސޮއިކުރައްވާ، އެޗްޕީއެލްގެ މުވައްޒަފު ވަޒީފާއިން ވަކިކުރަން ފޮނުވި ޗިޓުގައި ބުނެފައި ވަނީ، މުވައްޒަފު ވަޒީފާ އިން ވަކިކުރީ ރައީސް ޞާލިހާއި، ރައީސް ނަޝީދަށް މީސް މީޑިއާގައި ފާޑުކިޔުމުން ކަމަށެވެ.

ނަމަވެސް މި މައްސަލަ ހޫނުވުމުން ޝާހިދު މިރޭ ވިދާޅުވީ އެމުވައްޒަފު ވަޒީފާ އިން ވަކިކުރީ ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓް ޕޮލިސީއާ ހިލާފުވުމުން ކަމަށާއި، އޭނާ ވަޒީފާ އިން ވަކިކުރީ ރައީސް ޞާލިހާއި ރައީސް ނަޝީދުގެ އަބުރަށް ހުތުރުވާ ގޮތައް ވާހަކަދެއްކުމުން ކަމަށް ލިޔެވުނީ އިދާރީ "މިސްޓޭކަކުން" ކަމަށެވެ.

ނަމަވެސް ޝާހިދު އެ "މިސްޓޭކަށް" ފަހުވެސް ހެއްދެވީ އިތުރުފުޅެއްކަން މިރޭ ވަނީ ހާމަވެގެން ގޮސްފައެވެ. އެކަން ހާމަވެފައި ވަނީ، މުވައްޒަފަށް މީގެ ކުރިން ފޮނުވާފައިވާ ތިންވަނަ އިންޒާރެއްގައި ވެސް އޭނާ އާއި ގުޅޭ މައްސަލަ އަކީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމާއި، ރައީސް ޞާލިހާއި ރައީސް ނަޝީދަށް ފާޑުކިޔުން ކަމަށް ބުނެފައި އޮތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ކިނބޫ

  ހެޔޮ ވެރިކަން. ދަރިންގެ ދަރިން. ކެކެކެކެ

 2. އައްޔު

  ދެން އެސޮރު ވަޒީފާއިން ވަކިކުރާނީ ކުންފުނީގެ މުދަލަށް ނުވަތަ ތަނަށް ގެއްލުމެއް ދީފާނެކަމަށް ހީވާތީ ނޫނީ ވަޒީފާއަށް ފަރުވާ ކުޑަވެގެން މިހެންވާނީ މިކަން ނޫސްތަކުން މިކަން ބަލަންތިބޭ

 3. މުރާދު

  ރެކެވެން ނެތީމާ އެމްޑީޕީން މިފަހަރު އެކަން ކުށްވެރި ކުރާނެ، ދެން ކުރިއަށް އޮތްތާ ވަކި ކުރާނީ ވަކި ކުރި ސަބަބު ތިހާ ފާޅު ކޮށް ބަޔާން ނުކޮށް. އިބޫ މެނަކީ އިދާރީ ތަޖުރިބާގެ ޒައްރެއްހާ މިންވަރުވެސް ނެތް މީހުން، ބާރުގެ ބޭނުން ހިފަން، ޖާއިޒުކޮށް ވިޔަސް ނާޖާއިޒުކޮށް ވިޔަސް، ނޭނގެ.

 4. އިއްބެ

  ކުޑަކުދިންނާއި ކުޅުނަސް ބޮޑެތި މީހުންނާއި ކުޅުނީމާއި ލިބޭނީ ގެއްލުމެވެ.އެހެންވެ ޖެހިލުންވީއެވެ.ކުރިޔަށް އޮތީ އިންތިޚާބު!

 5. ދޮންބެ

  ބައެއް އޮފިސްތަކާއި ކުންފުނިތަކުގެ ވެރިން ނުވިސްނާ އަޅާ ފިޔަވަޅުތަކުގެ ސަބަބުން މިލިބުނީ ނިޒާރަށް ކުރިޔަށް އޮތް އިންތިޚާބަށް ވަރަށް ބޮޑުގެއްލުމެއް.ބޮޑު ޢާއިލާއެއްގެ ވޯޓުގެއްލުނީއެވެ.ހާދަ ދެރައެވެ.

 6. ނަައީމް

  ދެން އަޅެފަހެ މެންބަރުން އެރޭ ހަމަތަ މީނަވެސް އެރެ ޕާޓީކުރީ ޕާޓީތެރެއިން މިސިޓީ މިނިއްމާލީ މިހުރިހާކަމެއްބަލާކަށްނުޖެހޭބާ!!!!! އޮޅިގެންކުރިޔަސް ކުށެއްވާނީކުށަކަށްނޫންތޯ އެމްދީއާއިމެދުވެސް އިސްލާހީފިޔަވަޅު އަޅަން ގޮވާލަން!!!!

 7. ބެއްޔާ

  ހިތުން ތީ ވަރަށް އިންސާފުވެރި ބައެއް. ތީ އަނިޔާވެރި ހުދުމުހުތާރު ބައެއް. އިދިކޮޅު ކިތަންމެ މީހުން މަދުނަމަވެސް މަޖްލިހުގައިވެސް އެހެން ތަންތަނުގައިވެސް ޕްރެޝަރު ބޮޑުވެގެން ވާގޮތްތައް އެއީ.

 8. ތާކިހާ

  ސަރުކާރުގެ ބައެއްކުންފުނި ތަކުގެ ވެރިން މުވައްޒަފުން ކަނޑާލުމުގައި ވަރަށް ގިނަ އުކުޅު ބޭނުންކުރޭ. މި ފަހަރު ތިޔަ އޮތީ ފަޅާއަރާފައި. ނުބައި މަޢުލޫމާތަކުންނޭ އެބުނަނީ ސަލާމަތް ނުވާހިސާބުން. ސްޓެލްކޯ އަކީވެސް ނުބައި ބަހަނާ ދައްކައިގެން ނުބައިވެގެންވާ ގޮދު ރިޕޯރޓްތައްހަދައިގެން މުވައްޒަފުން ވަކިކުރާތަނެއް. ފެނަކަ އެއީ ދެން ލާމަސީލު. ހެނދުވަކިކޮށްފައި ހަވީރުވެސް ހަމަ އެމީހާއަށް ފެނައިގައި ވަޒީފާ ދީފާނެ. ވަރަށް ދެރަ ދެއްތޯ. މިކަން އިސްލާހު ވާންޖެހޭ.