ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 81 އަހަރުގެ ދިވެހި އަންހެނެއް ހިމެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ކޮވިޑް-19 އަށް ފައްސިވީ އެންމެ ނުވަ މީހުންނެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ ދިވެހި ހަތް މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުންނެވެ. އިއްޔެއަކީ ރާއްޖެ އިން އެންމެ މަދުން ބަލި ފެނުނު އެއް ދުވަހެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބުދަ ދުވަހު ކޮވިޑް-19 ޖެހުނު މީހުންގެ އުމުރުފުރާ އާންމުކޮށް އުޅެނީ 25 އަހަރާއި 40 އަހަރާ ދެމެދެވެ.

އެގޮތުން ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 81 އަހަރުގެ އަންހެނެއްގެ އިތުރުން 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 36 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 32 އަހަރުގެ ދިވެހި ފިރިހެނަކާއި 53 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފައްސިވި އެކެއްގެ އުމުރުން އަދި އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރޭގައި އެންމެ އުމުރުން ދުވަސްވީ މީހަކަށް ފާހަގަ ކުރެވިފައި ވަނީ 92 އަހަރުގެ މީހެކެވެ.

ރާއްޖެ އިން 81 އަހަރާއި 100 އަހަރާ ދެމެދުގެ ހަތް މީހަކަށް ކޮވިޑް-19 ޖެހިފައިވެއެވެ. އަދި 71 އަހަރާއި 80 އަހަރާ ދެމެދުގެ 10 މީހަކަށް ކޮވިޑް-19 ޖެހުނު އިރު، 61 އަހަރާއި 70 އަހަރާ ދެމެދުގެ 35 މީހަކަށް ކޮވިޑް-19 ވަނީ ޖެހިފައެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާ އިރު، މިހާތަނަށް 1،850 މީހެއްގެ ގައިން ކޮވިޑް-19 ފެނިފައިވާ އިރު، އޭގެ ތެރޭގައި ގިނަ އިން ހިމެނެނީ ބިދޭސީންނެވެ. އެގޮތުން ބަންގްލަދޭޝްގެ އެކަނި ވެސް 1،005 މީހަކަށް ބަލި ޖެހިފައިވެއެވެ.

ދިވެހިންގެ ތެރެެއިން މި ބަލި ޖެހިފައި ވަނީ 608 މީހުންނަށެވެ.