ޤާނޫނުއަސާސީ އިސްލާހުކުރަން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ހެލްތް ޕްރޮޓެކްޝަން (އެޗްޕީއޭ) ގެ އެންގުމާއި ޚިލާފަށް ގައިދުރުކަން ނަގާލާފައިވާ މެމްބަރުންގެ މައްޗަށް ދައުވާ ކުރަން ޖެހޭކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް ކުރެއްވި ޓްވީޓެއްގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ޓެގްކުރައްވާ ވިދާޅުވީ އެޗްޕީއޭގެ އެންގުމާއި ޚިލާފަށް މަގުމަތީގައި އުޅޭ މީހުންނަށް ޕީޖީއިން ދައުވާ ކުރާ ފަދައިން މަޖިލީހުގައި އެޗްޕީއޭގެ އެންގުމައި ޚިލާފްވީ ފަރާތްތަކަށް ޤާނޫނުލް އުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ދައުވާ ކުރަން ޖެހޭ ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި ހިނގާކަމަކާއި މެދު ދައުވާ ނުކުރެވޭނެކަމަށް ބައެއް ފަރާތްތަކުން ވިދާޅުވަމުންދާތީ އެކަމަށް ރައްދުދެއްވަމުން ހައިލަމް ވިދާޅުވީ މަޖިލިސް މެންބަރުންނަށް ލިބިދެވޭ އިމްތިޔާޒަކީ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި އިސްލާމް ދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެމަތިން ދައްކާ ވާހަކައަކާ ގުޅިގެން ލިބދެވޭ އިމްތިޔާޒެއް ކަމަށެވެ.

ޤާނޫނާ ޚިލާފު ޢަމަލުތަކެއް ކުރުމަކީ އެއިމްތިޔާޒުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މައިމޫނާގެ އެންގުމާ ޚިލާފުވެގެން ޢާންމު މީހެއްގެ މައްޗަށް ދަޢުވާ ކުރެވޭނަމަ މަޖިލިސް މެންބަރެއްގެ މައްޗަށްވެސް އެދަޢުވާ ކުރަންޖެހޭނެ. މައިމޫނާއަށް އެބާރު ދެއްވީ މަޖިލިސްއިން ހެދި ޤާނޫނަކުން. އިމްތިޔާޒުގެ ޤާނޫނުގެ 3 ވަނަ މާއްދާއާއި 90 ވަނަ މާއްދާ އިން އެކަން ސާފުކޮށް އެނގޭ." ހައިލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިޔަށް ގެންދަމުން ދަނިކޮށް ރައްކާތެރި ފިޔަވަޅުތަކާއި އެކު މަޖިލީހުގެ ޖަލްސާތައް މިހާރު ބާއްވަމުން އަންނަނީ މަޖިލިސް ތަޅުމުގައެވެ.

2 ޖޫންގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ތަޅުމުން ނަން އިއްވާ ބޭރު ކުރުމަށް ކުރި މަސައްކަތުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން މެންބަރުންތައް އެއްތަނަކަށް ޖަމާވެ އެޗްޕީއޭގެ މިންގަނޑާއި ވަނީ ހިލާފުވެފައެވެ.

ފުލުހުން ދަނީ އެ މައްސަލަ މިހާރު ބަަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރައްޔިތުން

    މަޖިލިސް ގައި ހިންގި މާރާމާރީއާއި ގުޅިގެން ހުރިހާ މެމްބަރުން ކޮވިޑް ޖެހިފައި ވެދާނެ ކަމަށް ޝައްކު ކުރެވޭ

    29
  2. ލާމު

    ހައިލަމް ނުބުންޔަސް މިއީ ބޮޑެތި ނޫސްތަކުގަ އަދި ސޯސަލް މީޑިޔާގަ ޖަހަން ޖެހޭ ވާހަކަ އެކެވެ.

    26
    2
  3. ޢަބްދުއްލަޠީފު

    ބަލަ ހައިލަމް އެއީ ރަމްޒީ ގަވާޢިދެއްކަން ނޭގުނުތާ؟ މަޖިލީހުގެ ރައީސް ބުނީ ސީދާ ޖަލްސާ ބާއްވާނަމޭ ބުނެ ގޮން ޖަހާފަ ޖަލްސާ ބާއްވާނެކަން ޔަގީންވީމަ އެޗްޕީއޭ އިން ހުއްދަ އުދުއްސާލީ. ދެން ހަމަ އެދިޔަ ބާރުމިނުގަ ގޮސް މަޖިލީހަށްވަނީ. މިހާރު އެއޮތީ ގަވާއިދު ރަގަޅުވެފަ. ދެރަމީހާއަށް ދެރަ ގޮތް.

    26
  4. ދުންތަރި

    އެމްޑީޕީ މެމްބަރުންނަކަށް ދަޢުވާ ކުރާކަށް ޕީޖީއަކަށް ނުކެރޭނެ މަޤާމުން ބޭރުކުރާނެކަމުގެ ބިރު އޮންނާނެ މިނިވަން މުއައްސަސާކިޔަސް އެއީ އެމްޑިޕީގެ ސީދާ އޯޑަރަށް މަސައްކަތްކުރާ މުއައްސަސާތައް ނިކަމެއްޗަކަށްވިއްޔާ ދަޢުވާކޮށް އަދަބުދީ ޖުރުމަނާވެސްކުރާނީ މިކަހަލަ އިންސާފު އެމްޑިޕީން ގެންގުލޭނީ

    29
  5. ނަައީމް

    ނޫސްވެރިޔަކަށްވެސް އޮށްޓަރުހުރި ސުވާލެއްކުރާކަށް ނޭގޭ ނުވަތަ ނުކެރޭ އަދިނޫހަހުން ނޫސްވެރިޔަކު ތިފަދަ އެއްވެސްސުވާލެއްކުރިވާހަކައެްނުފެނޭ ކެރިގެން މިމީހުންވެސް ދަނީ މުޒާހަރާޔަށް އެކްޓް ކަމަކުނުދޭ ކެރިގެން ތާޒާ މައުލޫމާތު ނިކަން ރައްޔިތުންނަށް ފޯރުކޮށދީބަލަ
    މިމައްސަލަ ބަލާނެތަ

    26
  6. ނުދައްކަންހުއްޓަސް

    ނިކަމެތި މީހާ އަތުން 1000 ރުފިޔާ ނަގަން އަވސްވެގަތުމަށްފަހު އެވަރު ކުޑަވެގެން 10،000 ރުފިޔާއަށް ބޮޑކޮށްގެން ތިބެ މި ކިޔަނީ ބަގުލަދޭސް މީހާ އަށް ބަންގާޅިން ނުކިޔާށޭ. އެ ނަން ނުކިޔާ 1 ފޫޓުން 1 ފޫޓުން ހުރަހެއް ނެތި އެތަށް ބަޔަކު ފެންވަރާނެ އިންތިޒާމް ހަމަޖެއްސީ. މި ކަންކަމުން އެނގެނީ ނިކަމެތިން އިތުރަށް ނިކަމެތި ކުރަން ބޭނުން މިންވަރު.
    ސައިކަލް ގައި ޖަހާ ސްޓިކާ އަކީ ފުލުހުންގެ މުސާރަ ދޭން ކުރާ މަސައްކަތެއް ހެންވެސް ބައެއް ފަހަރަށް ހިތައް އަރާ. މިލިއަނުން ފައދާވާ ކަމަށް ބުނެލާއިރު.

  7. އިސާހިތަކު

    ދައުވާ ކުރެވިދާނެ ، އެކަމަކު ނުކުންނާނެ އަދުލުވެރިކަމަކީ ސަދޫމްގެ އަދުލުވެރިކަން. ދިވެހި އުންމަތުގެ ކުރިމަތީގައި ތަހުގީގު ނުވެ އޮތް މައްސަލަ އަށް ޝަރީއަތް ހިންގި ގޮތް އެއޮތީ ފެންނަން، ތަހުގީގީ އިދާރާތަކުގެ ވެރިން ހިމެނޭހެން ރާބޮއިގެން ނެށުމުގައި، ތިދައުވާތަކުގެ ހެކި ވެސްދޭނީ އިސްވެ މިދެންނެވި ޝަރީއަތުގައިވެސް ހެކި ބަސްނެގި ފަދަ ސަދޫމްގެ ޝަރީއަތް ހިންގާފަދަ ގޮތަކަށް. މިކަމުގައި ޝައްކެއްނެތް. މިމީހުންގެ ބާރު ނެތިދާނީ މިމީހުން އަމިއްލަ އަތްތަކުން ކުރާ ނުބައިކަންކަމުގެ ސަބަބުން. މިސާލު އެމެރިކާގެ މިއަދުގެ ހާލަތުން އިބުރަތް ހާސިލްކުރުން މުހިންމު. ބޮޑާވެ ކިބުރުވެރިކަމާއި ބާރުތަށް އަމިއްލަ އުފެއްދުމާއި އަމިއްލަ ފައިސާއާއި މުދަލުގެ އަގުމިއަދު ކޮބާ؟

  8. ޑައެލޯގް

    ހައިލަމްގެ ވާހަކަ ބަރާބަރު މަޖިލިސްތެރޭގައިވެސް މަޖިލިސް މެމްބަރުންނަށް ކަންކުރެވެންޖެހޭނެ އިމެއްއޮންނަންޖެހޭނެކަން ހޭބުއްދިޖެހޭ ކޮންމެއިންސާނަކުވެސް ގަބޫލުކުރާނެއެވެ. މަޖިލިސްގޯތިތެރޭގައި މީހަކު މަރާލާފަވެސް ބުނަންވީތަ މިއީ މަޖިލިސްގޯތިތެރޭހިނގިކަމެއްވީމަ އޯކޭވާނޭ. އެހެންވެއްޖިއްޔާ ތިޔަމަޖިލިސްގޯތިތެރޭ ހަކުރުބޮއި ޒިނޭވެސްކުރެވޭނެތާ

    12