ޑީއޭގޯ މަރަޑޯނާ އާޖެންޓީނާގެ ކުލަބެއް ކަމަށްވާ ޖިމްނާސިއާ އެސް ގްރިމާ އާއިއެކު ހަދާފައިވާ އެ ޓީމުގެ ކޯޗުކަމުގެ އެއްބަސްވުން އިތުރު ކޮށްފިއެވެ. ޖިމްނާސިއާއިން މިދިޔަ ބުދަ ދުވަހު ކުރި ޓްވީޓެއްގައި ހާމަ ކުރިގޮރުގައި އާޖެންޓީނާގެ ލިޖެންޑް މަރަޑޯނާ ވަނީ 2021 ގެ ނިޔަލަށް އެ ޓީމަށް ކޯޗު ކޮށްދިނުމަށް އެއްބަސްވެފައެވެ.

1986 ވަނަ އަހަރު އާންޖެންޓީނާ އާއިއެކު ވޯލްޑް ކަޕް ކާމިޔާބު ކުރި މަރަޑޯނާ ޖިމްނާސިއާގެ ކޯޗްކަމާއި ހަވާލުވީ މިދިޔަ އަހަރު ސެޕްޓެމްބާރ މަހުގައެވެ. އޭރު އެ ޓީމު އޮތީ ރެލިގޭޓް ވާން ކައިރިވެފައެވެ. މަރަޑޯނާ ޖިމްނާސިއާގެ ކޯޗުކަމާއި ހަވާލު ވުމަށްފަހު އެ ޓީމުގެ ނަތީޖާތައް ރަނގަޅުވެގެން ދިޔަނަމަވެސް ލީގު މެދުކަނޑާލި ހިސާބަށް ވެސް އެ ޓީމު ފުރަތަމަ ޑިވިޝަނުން ރެލިގޭޓް ވުމުން ސަލާމަތް ވުމަށް މާބޮޑު ކުރިއެރުން ތަކެއް ލިބިފައެއް ނުވެއެވެ.

މަރަޑޯނާ ކުޅުން ހުއްޓާލުމަށް ފަހު ކޯޗުކަމުގެ ދާއިރާގައި މިހާތަނަށް މާ އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވެއެވެ. އޭނާވަނީ އާޖެންޓީނާއާއި މެކްސިކޯގެ ބައެއް ކްލަބް ތަކަށް ކޯޗުކަން ކޮށްދީފައެވެ. 2008 ވަނަ އަހަރުގައި ޑިއޭގޯ މަރަޑޯނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަމާއިވެސް ހަވާލުވެފައެވެ. އޭނާގެ ކޯޗުކަމުގައި 2010 ވަނަ އަހަރުގައި އާޖެންޓީނާގެ ގައުމީ ޓީމު ވާދަކުރި ވޯލްޑް ކަޕުގައިވެސް އާނާއަށް ވަނީ މާ އެދެވޭ ނަތީޖާއެއް ނުނެރިވިފައެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެއްމެ މޮޅު އެއްކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މަރަޑޯނާ އެންމެ ފަހުން ކޯޗުކަން ކޮށްދީފައިވަނީ މެކްސިކޯގެ ޑޮރަޑޯސް އާއިއެވެ. އެ ޓީމުގެ ކޯޗުކަމުގައި މަރަޑޯނާގެ ސިއްހީ ހާލަތު ހުރިގޮތުން ވަނީ ގިނަ މެޗުތަކުގައި ބައިވެރި ނުވެވި ޓީމު ރެލިގޭޓް ވެފައެވެ.