އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ނަމަ، އަމަލު ކުރާނެ ގޮތުގެ ގަވައިދަށް އަމަލު ކުރަން ފަށައިފިއެވެ.

މި ގަވައިދަކީ 2012 ވަނަ އަހަރު ފާސްކުރި އާއްމު ސިއްހަތާ ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދެކެވެ. އަދި މިއީ މިއީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 94 ވަނަ މާއްދާ އިން ހެލްތު މިނިސްޓަރަށް ދީފައިވާ އިހްތިޔާރުގެ ދަށުން ހެދި ގަވައިދެެކެވެ.

ގަވައިދުގެ މަގްސަދެއް ކަމުގައި ބުނެފައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ނަމަ، ރާއްޖޭގެ ރައްޔިތުންގެ ސިއްހަތާއި ފުރާނަ ރައްކާތެރި ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި، އެފަދަ ހާލަތެއް މެދުވެރިވުމުން އަމަލު ކުރާނެ ގޮތާއި އެ ހާލަތުގައި ނެރޭނެ އަމުރުތައް ނެރުމުގައި އަމަލުކުރާނެ ގޮތް ބަޔާން ކުރުމެވެ.

ހެލްތު މިނިސްޓްރީން ހެދި ގަވައިދުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގިނަ ބާރުތަކެއް ދީފައިވެއެވެ. އޭގެ ތެރޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި ލަފާދޭނެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އެކުލަވައިލުމާއި އެ ގްްރޫޕުން މެމްބަރުން ވަކިކުރުމަށް ހުށަހެޅުމުގެ ބާރު ދީފައިވެއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަކީ މިވަގުތު މައިމޫނާ އަބޫބަކުރެވެ.

ގަވައިދުގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާނެ ގޮތާއި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މި ހާލަތުގައި އަމަލުކުރަންޖެހޭނެ ގޮތާއި އަދި އަމުރުތައް ނެރެން ޖެހޭނެ ގޮތް ބަޔާންކޮށްފައެވެ. އަދި އެފަދަ ހާލަތެއްގައި އާއްމުން ރައްޔިތުންނަށް ވެކްސިން ދޭން ޖެހިއްޖެނަމަ އަމަލުކުރާނެ ގޮތާއި މީހުން ކަރަންޓީނުގައި ބެހެއްޓުމުގައި އަމަލުކުރާނެ ގޮތުގެ ތަފްސީލް ގަވައިދުގައިވެއެވެ.

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ކިޔަވައިދޭ ތަންތަން ބަންދުކުރުމާއި މީހުން އެއްވެ އުޅުން މަނާކުރާނެ ގޮތާއި ދަތުރުފަތުރުކުރުން ހުއްޓުވުމުގައި އަމަލުކުރާނެ ގޮތް ވެސް ގަވައިދުގައި ވަނީ ހިމަނައިފައެވެ.

ގަވައިދުގައި ހިމެނޭ މުހިންމު ބައެއް ކަންކަމުގެ ތެރޭގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނު ކުރައްވާނީ އެކަށީގެންވާ ހެއްކާ އެކު، މިނިސްޓަރު ލަފާ ދެއްވުމުން ކަމަށް ބުނެފައިވެއެވެ. އަދި ފިޔަވަޅުތައް އެޅުމަށް ފޯނުންނާއި ލިޔުމުން ވެސް އެންގޭނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

އާއްމު ސިއްހަތުގެ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށްފައި އޮންނަ ހާލަތުގައި ހުރިހާ ރައްޔިތުންނަށް ވެކްސިނެއް ދޭން ނިންމުމުގެ ބާރު އޮންނާނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

ގަވައިދުގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރޭގައި މީހުން އެކަހެރި ކުރުމަށް އަމުރު ކުރުމާއި މާރުކޭޓުތަކާއި މިސްކިތްތަކާއި ކެފޭ ރެސްޓޯރެންޓް އަދި އާއްމުން އެއްްވެ އުޅޭ އެހެން ތަންތަން ބަންދުކުރުމުގެ އިހްތިޔާރު ދިނުމާއި ގެއިން ބޭރަށް ނުކުތުން މަނާކުރުމާއި ދަތުރުފަތުރުކުރުން މަނާ ކުރުމުގެ ބާރު ހިމެނެއެވެ.

މީގެ އިތުރުން ވަކިގެއެއް ނުވަތަ އިމާރާތެއް ކަރަންޓީނު ކުރާނެ ގޮތާއި ފަރުވާ ދިނުމަށް މީހަކު ނުރުހޭ ނަމަ އަމަލުކުރާނެ ގޮތާއި ސާމްޕަލް ނެގުމުގައި އަމަލުކުރާނެ ގޮތާއި ކޯޓު އަމުރަށް އެދޭނެ ގޮތްވެސް އެ ގަވާއިދުގައިވެއެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި އަމަލުކުރާނެ ގަވައިދަށް އިއްޔެ އަމަލުކުރަން ފެށިއިރު، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް މިދިޔަ މާޗް 12 ން ފެށިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރައްވައިފައެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ މި މަހުގެ 29 އާ ހަމައަށް އިތުރުކޮށްފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަައީމް

    މަޖިލިސްބޭއްވުމައް އެޗްޕީއޭ އިން ދިންހުއްދައާއި ހިލާފުވި ހުރިހާމެމްބަރުންވެސް 10000ރުފިޔާއިންޖޫރިމަނާކުރަންޖެހޭ ގަވައިދާ ހިލާފުކޮންމެބަޔަކުވިޔަސް ހަމަހަމަ އުސޫލުން ޖޫރިމަނާ ކުރެވެންޖެހޭނޫންތޯ!!!!! ގައިދުރުކޮށްބޭއްވުމަށް ހުއްދަދިންޖަލްސާ ގުޅްބޮޑުކޮށްބޭއްވުމުން މަޖިލިސްގެ ރައީސްވެސް ކޮންމެ މެންބަރެއްގެ ބޮލަކަށްޖެހޭ އަދަދުން ހުރިހާމެމްބަރުންގެ އަދަދަށް ޖޫރިމަނާކުރެވެންޖެހޭ ނުންތޯ!!!!

    12
  2. ރޯދަ މުބާރިކް

    ޢަނޙަ! ތައްޔާރު، ހުރިޙާ ކަމަކަށް! މީ ކޮން ގަވާއިދެއް؟!

  3. ތބ

    ޕފަންޑުގަހުރިފައިސާދެއްވާ މީހުންގެހައްގު
    ނުހިފަހައްޓަވާ