މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ލިންބާގް ހޯލްޑިންގެ ވެރިޔާ ލިން ކަ ޗޮކްގެ ފަރާތުން ރާއްޖެ އަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ރާއްޖެ އަށް މިއަދު ހަދިޔާކޮށްފިއެވެ.

މި ކިޓުތައް އެ ކުންފުނީގެ ވެރިޔާގެ ފަރާތުން ހަވާލުކޮށް ދެއްވީ ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ. ސަރުކާރުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ ސީއީއޯ ހިސާން ހަސަންއެވެ.

ލިންބާގުން ނެރުނު ބަޔާނެއްގައި ބުނީ މި ކިޓްތަކަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ ހިދުމަތްތެރިންނަށް ހަދިޔާ ކުރި ކިޓުތަކެއް ކަމަށެވެ. މި ކިޓުތަކުގެ ތެރޭގައި ސާޖިކަލް ގައުނާއި ބޫޓު ކަވަރާއި ސްކާފް ހިމެނޭ ކަމަށް ލިންބާގް އިން ބުންޏެވެ.

ލިންބާގްގެ ބަޔާނުގައި ބުނި ގޮތުގައި މިވަގުތަކީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް އެއްބާރުލުން ދޭންވީ ވަގުތެވެ. އަދި ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރުން ހަރުދަނާ މަަސައްކަތްތަކެއް ކުރަމުންދާ ކަމަށް ގަބޫލު ކުރެވޭ ކަމަށް އެ ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނި ގޮތުގައި، އެ ކުންފުނިން ބޭނުން ވަނީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށެވެ. އެގޮތުން ހޮޓަލެއް އެޅުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނި ގޮތުގައި، މިއީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މުހިންމު ފިޔަވަޅެކެވެ.

ލިމްބާގުން ވަނީ މިިދިޔަ މެއި މަހު ވެސް ރާއްޖެ އަށް 60،000 މާސްކު ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ނާޒިމްގެ ޕާޓުނަރެއްތާ ދޯ ސުކުރިއްޔާ