ތަފާތު އެކި ބޭނުންތަކަށް ޖަލުން ބޭރަށް ގައިދީން އަނބުރާ ޖަލަށް ވަންނަ އިރު ކޮވިޑް-19 ނެތްކަން ޔަޤީންކުރަން ޚާއްސަ ގޮތްތަކެއް ހަމަޖައްސަން މަޝްވަރާކުރަމުންދާކަމަށް ހޯމް މިނިސްޓަރ ޝޭހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެެވެ.

ރޭ ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ޖަލުގައި ގައިދީން ނެރެ ވައްދާ ކޮންމެ ވަގުތަކު ގައިދީން ވެއްދެނީ ސަލާމަތުންކަން ކަށަވަރުކުރުން އެއީ އެންމެ ބޮޑު ގޮންޖެހުންކަމަށެވެ.

"އެހެންކަމުން ކޮންމެހެން ނެރޭ ގައިދީން އެހެން ގައިދީންނާއި މިކްސް ކުރުމުގެ ކުރިން އެ ގައިދީއެއްގެ ކިބައިން އަލާމާތްތައް ފެނޭތޯ ބަލަން އެކަހެރިކޮށް ބަހައްޓާނެ ގޮތަށް ވިސްނަމުން މިދަނީ" އިމްރާން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޖަލުތަކަކީ އެތަނުގެ އެތެރޭގެ ގައިދީން ބަލަހައްޓާ ރައްކާތެރިކުރުވުމުގައި ވަރަށް ހޭލުންތެރިވެ ތިބެގެން މަސައްކަތް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ރާއްޖެއަށް ކޮވިޑް-19 އައުމުގެ ކުރިންނާއި އޭގެ ފަހުންވެސް ޖަލުތަކުގައި އެބަލި ފެތުރުނަ ނުދިުމަށް ކަމާއި ބެހޭ ފަރާތްތަކުން ޚާއްސަ ފިޔަވަޅުތަކެއް އެޅިކަމަށް އިމްރާން ވިދާޅުވިއެވެ.

އެ ފިޔަވަޅުތަކުގެ ސަބަބުން ގައިދީންނަށް ދަތިތަކާއި ދިމާވި ނަމަވެސް އެ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ.

" އާއިލީ ބައްދަލުވުންތައް ހުއްދަ ދިނުން ވަނީ ހުއްޓާލާފަ. ގައިދީންނަށް އަންނައުނު ފޯރުކޮށްދިނުން ހުއްޓާލި. ގައިދީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ވެސް ބަދަލު ގެނައި. އޮފިސަރުން ވަރަށް ބޮޑަށް ސަމާލުކަމެއް ދީ 15 މަރޗްއިން ފެށިގެން ފުލް ލޮކްޑައުންއަކަށް ދިޔަ " ޝޭހް އިމްރާން ވިދާޅުވިއެވެ.

އަދި ޖަލުގައި ކޮވިޑް-19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކުން ގައިދީންގެ އާއިލާތަކަށް ހިތްދަތިކަން ލިބުނު ކަމަށާ، ފުރަބަންދަށް ލުއި ދޭ އިރު ގައިދީންގެ އާއިލީ ބައްދަލުވުމަށް ލުއި ގޮތްތަކެއް ހަމަޖައްސާ ދިނުމުގެ އިތުރުން ގައިދީންނަށް ވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.