މާދަމާ ރޭ ހަނދުކޭތަ ހިފާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ ރާއްޖޭގެ ރަށްރަށުގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވެފައެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ވިދާޅުވީ، މާދަމާ ރޭ ރާއްޖޭގެ ގަޑިން 22:45 އިން ފެށިގެން ފަނޑު ހިޔަނީގެ ހަނދުކޭތައެއް ހިފާނެ ކަމަށެވެ.

މި ހަނދުކޭތަ ހިފަން ފަށާނީ 22:45 ގައެވެ. އަދި ހަނދުކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ، މާދަމާ ރޭގެ މެންދަމު 00:24 ގައެވެ. ހަނދު ހަނދުކޭތަ ވީއްލާނީ އެރޭ މެންދަމު 02:04 ގައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މީ ފަނޑުހިޔަނީގެ ކޭތަޔަކަށްވުމުން ކޭތަފާޅުވާނީ ވަރަށް ކުޑަކޮށް ކަމަށެވެ.

މިކޭތައާއި ގުޅިގެން ކޮންމެ ރަށެއްގައިވެސް ހުންނަ އެންމެބޮޑު މިސްކިތުގައި ހޮނިހިރު ވިލޭރޭގެ މެންދަމު 00:15 ގައި ކޭތަނަމާދު ކުރުން އޮންނާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

އެހެންކަމުން އެރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތެއްގައި އެރޭ 00:15 ގައި ކޭތަނަމާދު ކުރެވޭނޭ އިންތިޒާމު ކައުންސިލް އިދާރާއިން ހަމަޖައްސަވައި ދެއްވުން އެދޭ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ކޭތަ ނަމާދުގެ ޚުޠުބާ މިރޭ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.