ކޮވިޑް-19 ގެ ސަބަބުން މާލެ ސިޓީގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުޔެއް ދީ، ވަކި ވަގުތުތަކުގައި ބޭރުގައި އުޅެވޭނެ ހުއްދަ ދެވިފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ، އުމުރުން ދުވަސްވީ 944 މީހަކަށް ބޭރަށް ނިކުތުމުގެ ފާސް ދޫކޮށްފައި ވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިރޭ ނެޝަނަލް އެމެޖެންސީ އޮޕަރޭޓިން ސެންޓަރުގައި (އެންއީސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވީ ހެނދުނު ނިކުމެ މެލާ އުޅުމަށް އުމުރުން ދުވަސްވީ މީހުންނަށް މިހާތަނަށް 944 ފާހެއް ދޫކުރެވިފައިވާ ކަމަށެވެ.

އެ ހުއްދައިގެ ދަށުން އުމުރުން ދުވަސްވީ މީހުންނަނަށް ފަތިސްދަޅާގައި މަގުމަތީގައި ހިނގާލަން ދެވެއެވެ. އެގޮތުން އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ފަތިހު 5:00 އާއި 8:00 އާ ދެމެދު ފުލުހުންގެ ހުއްދައާއެކު ބޭރަށް ނުކުތުމުގެ ފުރުސަތު ދޭނެއެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް ކޮންމެ ދުވަހަކު ހުއްދަ ދޭނީ ދޮޅު ގަޑިއިރަށެެވެ.

ނަވީން އިތުރަށް ވިދާޅުވީ މިސެލޭނިއަސްގެ ހުއްދަ ނަގައިގެން ބޭރަށް ނިކުތުމަށް ދޫކޮށްފައިވާ ވަގުތުކޮޅު ކުޑަވެގެން ގިނަ ބަޔަކު ޝަކުވާ ހުށަހަޅަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ފުލުހުން ދޫކުރަމުން އަންނަނީ ކޮންމެ ފަރާތަކުންވެސް އެދޭ ތަނަކަށް ދިއުމަށް ބޭނުންވާނެ މިންވަރުގެ ވަގުތުކޮޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެދޭ ވަގުތުކޮޅަކީ އަސްލު އެހުންނަވާ ތަނަކުން އެ ވަޑައިގަންނަވަން ބޭނުންފުޅުވާ ތަނަކަށް ދެވޭނެ ވަގުތެއް ބަލާލާފަ ދޭ ވަގުތެއް. މިސާލަކަށް 20 މިނެޓު ކަމުގައި ވިޔަސް، 30 މިނެޓު ކަމުގައި ވިޔަސް އެއީ އެވަގުތުކޮޅު. އެއީ އެތަނަށް ގޮސްފަ އެނބުރި އަންނަންދޭ ވަގުތުކޮޅެއް ނޫން" ނަވީން ވިދާޅުވިއެވެ.

މާލެ ފުރަަަބަންދުކޮށްފައި އޮންނަތާ ދޮޅުމަސް ފަހުން ފުރަބަންދަށް ލުއިތަކެއް ދީފައިވާއިރު، މި ލުއިތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި، އެހެން ޒަރޫރީ ބޭނުންތައް ފުއްދުމަށް ވަކި މިންގަނޑުތަކެއްގެ ދަށުން ވަނީ ބޭރަށް ނިކުތުމުގެ ހުއްދަ ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބެލެނިވެރިއެއް

    ކުޑަކުދިންނަށް ވެސް ފާސް ދޫކުރުން ވަރަށް މުހިއްމު. ހަފްތާކު އެއްފަހަރު ނަމަވެސް.... މާލޭގެ ކުޑަތަންކޮޅުތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް ގެއިން ބޭރަށް ނުދެވި އެފަދަ ކުދިން ގޭގެ ބައިތިއްބައިގެން ގިނަ ދުވަހަށް ގެންގުޅުމަކީ އެފަދަ ކުދިންނަށް ނަފްސާނީގޮތުން ލިބޭ ވަރަށް ގެއްލުމެއް.

    2
    1
  2. މައެއްގެކެކުޅުން

    ކޮވިޑް19 ގެ ހާލަތު ކިހިނެއް ބުނެދޭނީ 1 އަހަރު ނުވަތަ 2 އަހަރުގެ ނުފުރޭ ކުޑަކުދިންނަށް؟ އެފަދަ ކުދިން ގޮވައިގެން މާލޭގައި ދިރިއުޅެން މަޖުބޫރުވެފައި އެތައް ބަޔަކު މާލޭގައި އެބަތިބި.... ޒަރޫރީ ބޭނުމެއްގައި ގެއިން މީހަކު ނިކުންނައިރު އެފަދަ ކުދިން ވަރަށް ރޯލާ؟ ވަރަށް ދެރަވޭ.... މިފަދަ ކުދިންނަށް ހަފްތާކު އެއްފަހަރުނަމަވެސް ގެއިން ބޭރަށް ދިއުމުގެ ހުއްދައެއް ދެއްވުމަށް އެދި ސަރުކާރަށް ގޮވާލަން....

  3. އާދޭސް

    ކުޑަކުދިން ތެރޭގައި ނާޒުކު ކުދިންނަށް ވަކި ހާއްސަ ހުއްދައެއްގެ ދަށުން ވެހިކަލެއްގައި ގެއިން ބޭރަށް ނިކުމުގެ ހުއްދަ ލިބިގެން ދިއުމަކީ އެފަދަ ކުދިންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް....