ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބޭ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީ އަށް ބޭނުންވާ ސާމާނުތައް އިންސްޓޯލްކޮށް ނިމިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިއްޔެ ވިދާޅުވެއްޖެއެވެ.

އެސްޓީއޯއިން ކުރި ޓުވީޓެއްގައި ވިދާޅުވީ ފެސިލިޓީގައި ސިއްހީ އާލާތްތައް ބަހައްޓައި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި މެޑިކަލް ތަކެތި އެ ފެސިލިޓީ އަށް ދީފައިވާ ކަމަށެވެ. ފެސިލިޓީގެ މަސައްކަތްތައް އެއްކޮށް ނިމުމުން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރުވެގެންދާނެ ކަމަށް ވެސް އެސްޓީއޯ އިން ކުރި ޓުވީޓުގައި ވިދާޅުވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކުރިމަތީގައި ހުންނަ ހުޅުމާލެ މެޑިކަލް ފެސިލިޓީއަކީ 290 އެނދުގެ ފެސިލިޓީއެކެވެ.

"ކޮވިޑް ވިލެޖް"ގައި ބައިތިއްބާނީ ބަލީގެ ނުރައްކާ ބޮޑު މީހުން

އެ ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތުގައި އުޅުނު ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ތަނުގެ މަސައްކަތް ދުވަސްތަކެއް ވަންދެން ހުއްޓުނެވެ. އެކަމަކު، މާ ގިނަ ދުވަސްތަކެއް ނުވެ އެ މަސައްކަތް އަލުން ފަށައި ވަނީ ނިންމައިފައެވެ.

އެ ތަނުގައި ހިމެނޭ ފަސް އިމާރާތުގެ ތެރެއިން ހަތަރު ފަންގިފިލާ ހިމެނޭ ގޮތަށް ހަދާފައިވާ އިމާރާތުގައި 228 އެނދުގެ މެޑިކަލް ވޯޑްތައް ހިމަނާފައިވެއެވެ. ދެ ވަނަ އިމާރާތުގައި 72 މީހުންނަށް ވަކި ވަކިން ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ އިރު، އެ ހުރިހާ ވޯޑްތައް ވެސް ތައްޔާރުކޮށްފައި ވަނީ ވެންޓިލޭޓަރުގެ އެހީ ބޭނުންވާ ބަލި މީހުންނަށް ވެސް ފަރުވާ ދެވޭ ގޮތަށެވެ.

ކޮވިޑް ވިލެޖްގެ ތިން ވަނަ ފަންގިފިލާގައި ހެދީ ސިއްހީ އެހީތެރިން ތިބޭނެ ބައެކެވެ. ހަތަރު ވަނަ ފަންގިފިލާގައި ހުރީ އޮފީހަކާއި ލޯންޑަރީއެކެވެ. ފަސް ވަނަ ފަންގިފިލާއަކީ ހިނަވާ ގެއަކާއި ސިއްހީ އާލާތްތައް ނައްތާލުމަށް ބޭނުން ކުރާނެ އޮޓޯކްލެވާއެކެވެ.

މި ފެސިލިޓީއަކީ ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއެކު 50 ދުވަސް ތެރޭގައި ރާއްޖޭގައި ކޮވިޑް ބައްޔަށް ފަރުވާދިނުމަށް ސަރުކާރުން ތައްޔާރުކުރި އެންމެ ބޮޑު ވަސީލަތްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާަާަަައަސްލު

    ތިތަނައް ވައްދާފަހުރި އަގުބޮޑު ފަރުނީޗަރުތަކާ ބޭކާރު ސާމާނާހެދި ތިތަނައްދިޔަ ހެލްތުދާއިރާގެ މީހަކުކޮސްވެއްޖެ...ﷲގަންދީފަ މީތެދެއް...މޑޕ މީހުންގެ ޑީލްތައް..؟! އައިޖީއެމްއެޗްގަނެއް ބޭސްވެސްއެތާ ސޮޓޮކްކޮއްފަހުރި...!؟