މިރޭ ހިފާ ހަނދުކޭތަ ފުރިހަމަ ވާނީ 12:45 ގައި ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވިއިރު، މިރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ފެންނާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިރޭ ހިފާ ފަނޑު ހިޔަނީގެ ހަނދު ކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 10:45 ގައި ކަމަށެވެ. އަދި ކޭތަ ފުރިިހަމަ ވާނީ މިރޭ 12:45 ގައި ކަމަށާއި، ކޭތަ ވީއްލާނީ މިރޭ 2:04 ގައި ކަަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

މިރޭ ހިފާ ހަނދުކޭތައަށް ދީފައިވާ ނަމަކީ"ސްޓްރޯބެރީ މޫންއެވެ. މިރޭ ހިފާ ހަނދު ކޭތައަށް މިފަދަ ނަމަކުން ނަން ދެވިފައިވަނީ އެ ކޭތަ އަކީ ޖޫން މަހުގައި ހިފާ ކޭތައަކަށްވެފައި މިއީ ސްޓްރޯބެރީ މޫސުމަށް ވާތީއެވެ. މިއީ އެއްވެސް ގޮތަކަށް ހަނދުގެ ކުލަ ސްޓްރޯބެރީގެ ކުލައިގައި ހުންނާތީ ދީފައިވާ ނަމެއް ނޫން ކަމަށް ފަލަކީ އިލްމުވެރިން ވަނީ ފާހަގަ ކޮށްފައެވެ.

މި ކޭތަ މިރޭ ރާއްޖެއަށް ފެނިގެންދާއިރު، ޔޫރަޕް އެފްރިކާ އަދި އޮސްޓްރޭލިއާއަށްވެސް މޫސުން ތަންދޭނަމަ މި ހަނދު ފެނިގެންދާނެ ކަމަށް ކަމާއި ބެހޭ މާހިރުން ވަނީ ބުނެފައެވެ. މި ކޭތަ އެންމެ ރީއްޗަށް ފެންނާނެ ކަމަށް ބެލެވިފައިވަނީ ކޭތަ ހިފަމުން އަންނަ ވަގުތު ދެކުނު އެފްރިކާ، އިންޑިއާ، ޗައިނާ އަދި އޮސްޓްރޭލިއާއެވެ.