ރ. ވާދޫގައި އޮންނަ ޖަމިއްޔާއެއް ކަމަށްވާ ވާދޫ އެސޯސިއޭޝަން ފޯ ފިއުޗަ ޑިވެލޮޕްމެންޓް (ވަފްދު) އާއި ކައުންސިލް އިދާރާ ގުޅިގެން ކުރިއަށް ގެންދާ އިއާދަކުރުވަނިވި ހަކަތައަށް ރައްޔިތުން ބަދަލުވުމުގެ މަޝްރޫއުގެ ދަށުން އެލެކްޓްރިކް މިނީ ބަހެއް ގެނެސްފިއެވެ.

ވާދޫ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ އަހުމަދު ޒިޔާއު "ވަގުތަށް" ވިދާޅުވީ، މި ބަސް ރާއްޖެ ގެނައީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ. އަދި ބަސް އެ ރަށަށް ގެންދެވުނީ މިއަދުގެ ވަގުތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މިނީ ބަސް ގެނައީ ވާދޫ އިއާދަކުރުވަނިވި ހަކަތަ ބޭނުން ކުރާ ތަނަކަށް ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ހިންގާ މަޝްރޫއަކުން ކަމަށާއި އެ މަޝްރޫއަށް އެހީތެރިކަން ލިބުނީ ޔޫއެންޑީޕީގެ ދަށުން ހިންގާ ޖެފް، އެސްޖީޕީ ސްމޯލް ގްރާންޓްސް ހިލޭ އެހީގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޒިޔާއު ވިދާޅުވީ އެ މަޝްރޫގެ ދަށުން ތިން ކަމެއް ކުރަން ނިންމަވާފައިވާ ކަމަށެވެ. އެއީ ސޯލަ ޗަގިން ސްޓޭޝަނެއް ގާއިމްކުރުމާއި އިލެކްޓްރިކް މިނީ ބަހުގެ އިތުރުން އާއްމު ބޭނުމަށް ގެންނަ ބައިސްކަލްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

" މަގްސަދަކީ ވާދޫގައި އިއާދަކުރުވަނިވި ހަކަތަ ބޭނުން ކުރާ މިންވަރު އިތުރު ކުން. ވާދޫގައި ތެޔޮ އަންދައިގެން ބޭނުންވާ ހަކަތަ މަދުކުރުމަށްޓަކައި އެއްގަމު އުޅަނދުތައް ވެސް ކަރަންޓު އުޅަނދަށް ބަދަލުކުރުން އެއީ އަމާޒަކީ. މި ޕްރޮޖެކްޓަކީ މިއީ ވާދޫގައި މި ބަހައްޓަނީ ސޯލަ ޗަޖިން ސްޓޭޝަނެއް. މާލޭގައި މި ހުންނަނީތާ ތެޔޮ އަޅާ ތަންތަން. އެގޮތަށް ގެންގުޅޭ ކަރަންޓް އުޅަނދު ގެނެސް އެ ޗާޖިން ސްްޓޭޝަނުން ހިލޭ ޗާޖްކޮށްލެވޭނެ،" އޭނާ ވިދާޅުވިއެވެ.

ވާދޫގެ އިޔާދަކުރުވަނިވި ހަކަތަ މަޝްރޫއުގެ ކުރެހުންތައް

އާއްމު ބޭނުމަށް ގެނެވޭ ބައިސްކަލުތަކުގެ ބޭނުން ރަށުން ބޭރުން އަންނަ މީހުންނަށް ވެސް ހިފޭނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

" މި ޕްރޮޖެކްޓް ފެށީ މީގެ ހަތަރު އަހަރު ކުރިން. ސިންގަޕޫރު ތަންތަނުގައި ވެސް ހުރެއެއް ނޫންތޯ އައިޑީކާޑު ޖަހާފަ ނަގައިގެން ދާނީ ބައިސްކަލްތައް؟ ބޭނުންކޮށްލާފަ އަލުން ގެންނަ ގޮތަށް. ރަށަށް އަންނަ މީހުންނަށް ވެސް އެ ބޭނުން ކުރެވޭނެ. މިހެން ރަަށް ބަލާލަން ވެސް ދެވޭނެ." އޭނާ ވިދާޅުވިއެވެ.

ސޯލަ ޗާޖިން ސިސްޓަމަކީ އަވިން ހަކަތަ އުފައްދާ ނިޒާމް (ސޯލަ ސިސްޓަމް) ބޭނުންކޮށްގެން ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އެކި ޒާތުގެ ތަކެތި ޗާޖު ކުރެވޭ ގޮތަށް ތައްޔާރުކުރާ ސިސްޓަމެކެވެ.

ކައުންސިލްގައި ހަރުކުރި ސޯލާ ޕެނަލް

ވާދޫގައި މީގެ ކުރިންވެސް ވަފްދު ޖަމިއްޔާއިން ވަނީ ޔޫއެންޑީޕީގެ އެހީތެރިކަމާ އެކު ވާދޫ ކައުންސިލާއި، ކުނިކޮށީގައި ވަނީ ސޯލަ ޕެނެލް ހަރުކޮށްފައެވެ.

ދުވާލު ގަޑީގައި ކައުންސިލް އިދާރާ އަށް ކަރަންޓް ފޯރުކޮށްދެމުންދަނީ ސޯލަ ޕެނަލްގެ އެހީގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޅި

    ތީ ރަށަށް ކުރިއެރުން ލިބޭ ކަންކަމަކީ. ތަރައްގީއަކީ. ށަރުކާރާ ސީދާ ނުގުޅި ކުރަންވީ ކަންކަމަކީ. ސަރުކާރާ ގުޅިއްޖެއްޔާ އެއްބައި މަޅާލާނެ. ޙަބޭސް

    27
  2. ދަރަނި ދަންތުރަ

    ރަނގަޅު ނިންމުމެއް ކާމިޔާބާށް އެދެން ހިއްވަރުކުރާތި..

    33
    1