އައްޑޫ ސިޓީ މީދޫ އިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ ފެނިއްޖެ އެވެ.

ފުލުހުން ވިދާޅުވީ، އުމުރުން 52 އަހަރުގެ އެ އަންހެން މީހާ ގެއްލިގެން އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ ރޭ 7:40 އިރު ކަމަށާއި، ނަމަވެސް މިހާރު އޭނާ ފެނިފައިވާ ކަމަށެވެ.

އަދި އޭނާ ފެނުނުއިރު ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އެކަމާއި ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި އަންހެން މީހާ ހޯދަން ފަށަފައި ވަނީ އިއްޔެ ހެނދުނު 7:30 ހާއިރު ގެއިން ނިކުމެގެންދިޔަ ގޮތަށް އަނބުރާ ގެޔަށް ނައިސް، ވީތަނެއް ނޭނގުމުންނެވެ. މިކަމާއި ގުޅިގެން އާއިލާއިން ވަނީ އޭނާ ހޯދުމަށް ފޮޓޯވެސް އާންމު ކޮށްފައެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން، އެ އަންހެން މީހާ ގެއިން ބޭރަށް ދިޔައީ، އާއިލާގެ މެމްބަރުންތަކާ މެދުގައި ހިނގި ޒުވާބަކަށް ފަހު ހިތްހަމަނުޖެހިގެންނެވެ.