ކ. ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހަދަން އެ ފަޅުގެ ބޮޑު ބައެއް ހިއްކުމުގެ މަޝްރޫއު ފެށި އިރު ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރަން ފިޔަވަޅު އެޅިފާ ނުވާ ކަމަށް އެންވައިރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވިދާޅުވެއްޖެއެވެ.

ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހެދުމަށް އެ ފަޅުން 192 ހެކްޓަރު ހިއްކުމުގެ މަޝްރޫއާއި ގުޅޭގޮތުން މަޖިލީހުގެ ތިމާވެއްޓާއި ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާޙިމް ނައީމް ވިދާޅުވީ އެ މަޝްރޫއު ފެށި އިރު ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާތީ އެ ފިޔަވަޅުތައް އަޅަން މަޝްރޫއު ހިންގާ ޕްލޭނިން މިނިސްޓްރީ އަށް އަންގަވާފައިވާނެ ކަމަށެވެ.

މީގެ އިތުރުން އެ މަޝްރޫއު ކުރިއަށްދާއިރު ގުޅީފަޅުގެ ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް އެހެން ތަންތަނަށް ގެންދާނެ ކަމަށް ބުނި ނަމަވެސް، އެ މަސައްކަތް ކުރާނީ މަޝްރޫއުގެ ކޮން މަރުހަލާއެއްގައިކަން ހާމަކޮށްފައި ނުވާ ކަމަށް ނައީމް ވިދާޅުވިއެވެ. އަދި ގުޅީފަޅު ހިއްކާ ސަރަހައްދުގެ މުރަކަތައް މަރުވެފައިވާ ކަމަށް ނައީމް ވަނީ ފާހަގަކުރައްވާފައެވެ.

"ޑްރޯން ފޮޓޯތަކުން ފެންނަ ފެނުމަށް ސެޑިމެންޓްގަނޑު ފެތުރިގެންދާތަން އެބަ ފެނޭ. އެހެންނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވެ މިހެން އަދި މަތިން ބަލާ ފޮޓޯއަކުންވެސް ހަގީގަތުގައި ނޭނގޭނެ. ދެން މޫދަށް އެރި ބަލާއިރު ގުޅީފަޅުގެ ސަރަހައްދުގައި މިވަނީ އެކަށީގެންވާ މިންވަރަށް ވުރެ ބޮޑަށް ސެޑިމެންޓްގެ އަސަރުކޮށްފައި. އެހެންނަމަވެސް އެއީ ކުރިއަށް އޮތްތާ ހިއްކާލާ ތަނެއްކަމަށް ބެލެވިފައި އޮތީ." އޭނާ ވިދާޅުވިއެވެ.

މިހާރު ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާ ގެއްލުން ކުޑަ ކުރަން އިތުރު ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް ނައީމް ވިދާޅުވިއެވެ. އެ ފިޔަވަޅުތަކާއި އެކު އެ މަޝްރޫއުގެ ސަބަބުން ވިލިގިލީ ފަރަށް އަސަރު ކުރާ ކަމަށް އަދި މިހާތަނަށް އެނގެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހާ ބޮޑެތި އިމްޕެކްޓްތަކެއް ކައިރީގައި ހުރި ތަންތަނަކަށް ފާހަގައެއް ނުކުރެވޭ. އެއީ ހަމައެކަނި ގުޅިފަޅުގެ އެ ކޮންނަ ހިސާބުގައި އޮތް ފަރު ނޫން އެހެން ތާކަށް. އެއީ މިހާތަނަށް ބެލެވިފައި ހުރި ބެލުންތަކުން ދައްކާގޮތުން. އެހެންވީމަ މިހާރު ހުރި މެޝާޒްތައް އިތުރަށް ވަރުގަދަކޮށްލުން އަޅުގަނޑުމެންނަށް އެންމެ ރަނގަޅީ،" ނައީމް ވިދާޅުވިއެވެ.

އެ މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވެއެވެ. އެ ރިޕޯޓްގައި ވަނީ ކައިރި ފަރުތަކަށް ވެއްޔާއި ކިސަޑު އެޅި، ފެން ކިލަނބުވެ، ފަރުތަކާއި މުރަކަތައް މަރުވުން އެކަށީގެންވާ ކަމަށެވެ. އަދި މަޝްރޫއުގެ އަސަރު ވިލިމާލޭ ފަރު ހިމެނޭހެން ތިރީހަކަށް ޑައިވް ސްޕޮޓަށް ކުރާނެ ކަމަށް ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.