ހުޅުމަލޭ ފެރީ ޓާރމިނަލް. ފޮޓޯ: މޯލްޑިވްސް ޓައިމް

މާލެ ކައިރިން ތެޔޮ ބާޖަކާއި ފެރީއެއް ޖެހި މިއަދު ހެނދުނު އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުނަދޫ (ތެޔޮ ފުނަދޫ) ކައިރިން ދަތުރުކުރި ތެޔޮ ބާޖަކާއި ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގެ ފެރީއެއް ޖެހި ހިނގި މި އެކްސިޑެންޓުގައި އެކަކަށް އަނިޔާވެފައިވާއިރު ފެރީއަށް ވެސް ގެއްލުންތަކެއް ލިބިފައިވާކަމަށް ފުލުހުންގެ މީޑިއޯ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 07:15 ހާއިރު ކަމަށާއި، އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 21 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް ފުލުހުން ވިދާޅުވީ ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށެވެ.

މި ހާދިސާ ފުލުހުން ތަހްޤީގު ކުރަމުންދާކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކަނޑުމަތީ އެކްސިޑެންޓެއް ހިނގައި އެކަކަށް އަނިޔާވިއިރު، ދާދި ފަހުން ރޭގަނޑު ހިނގި ލޯންޗު އެކްސިޑެންޓެއްގައި ދެމީހަކު ވަނީ ނިޔާވެފައެވެ.. މީގެ އިތުރުންވެސް ކަނޑުމަތީގެ ހާދިސާތަކުގައި ވޭތުވެދިޔަ ކުރު މުއްދަތެއްގައި ގިނަ ބަޔެއްގެ ފުރާނަ ގެއްލިފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު